ހުރްމުޒް ކަނޑުއޮޅި ޢާންމު ހާލަތަކަށް ގެނައުމަށް އެތަން ހުޅުވުމަށާއި އަދި ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާ އިން މިފަހަރު ހުށަހެޅި ހުށަހެޅުމަށް އީރާނުން ސަމާލުކަމެއް ނުދިނުމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ރުޅި އައިސް އީރާނު ދެކެ ހިތްހަމަ ނުޖެހިއްޖެއެވެ.
އެމެރިކާ އިން ޑިމާންޑް ކުރީ އީރާނުގެ ނިއުކްލިއާ މަޝްރޫއާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށެވެ. ނަމަވެސް އީރާނުން އެ ފުރުސަތެއް އެމެރިކާ އަށް ދޭން ބޭނުމެއް ނުވިއެވެ.
ބައިނަލްއަގްވާމީ އެތައް ރިޕޯޓެއްގައިވާ ގޮތުން ޓްރަމްޕް ވަނީ ތެހެރާނުން އެންމެ ފަހުން ދިން ޖަވާބާ މެދު މާޔޫސްކަމާއި ހިތްހަމަނުޖެހުން ފާޅުކުރައްވައި، އީރާނުން ޑިމާންޑް ކުރައްވަނީ އެމެރިކާއަށް "އެއްބަސް ނުވެވޭނެ" ޝަރުތުތަކެއް ކަމަށް ވިދާޅުވެފަ އެވެ. ރިޕޯޓްތަކުން ދައްކާ ގޮތުގައި އީރާނުން ބޭނުންވަނީ ސަރަހައްދީ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމާއި މެދު މަޝްވަރާގެ ފޯކަސް ބަހައްޓާށެވެ. އެއީ ޣައްޒާ އާއި ލުބުނާނު ހިމެނޭ ހެންނެވެ. އަދި ނިއުކްލިއާ ވާހަކަތައް މަޝްވަރާގައި ނުހިމެނުމަށެވެ.
ރޮއިޓާސް އާއި ބައިނަލްއަގްވާމީ އިތުރު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަޝްވަރާތައް މުޅިން ފުނޑުފުނޑުވެއްޖެނަމަ އަސްކަރީ އަދި އިގްތިސާދީ ފިޔަވަޅުތަކެއް އެޅުމަށް ވޮޝިންޓަނުން ވިސްނާފާނެ ކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ އިންޒާރު ދީފައެވެ.










