ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އާއިލާތަކުން އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ތަހައްމަލު ކުރަންޖެހިފައިވާ މާލީ ބުރައާ ކުރިމަތިލަމުންދާއިރު، ބައެއް ބޮޑެތި ކުންފުނިތަކުން ދަނީ މި ހަނގުރާމައިގެ ތެރެއިން ރެކޯޑް އަދަދުތަކުން ފައިދާ ހޯދަމުންނެވެ.
މި ހަނގުރާމައާ ގުޅިގެން އީރާނުން ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލި، ގިނަ ބަޔަކު ދަތި ހާލުގައި ޖެހިފައިވީ ނަމަވެސް، ހަކަތަ އާއި ދިފާއީ ދާއިރާގެ ކުންފުނިތަކަށް މިއީ މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބުނު ދުވަސްވަރެކެވެ.
ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރީ ހަކަތައިގެ ބާޒާރަށެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޯރްމޫޒް ކަނޑުއޮޅި ބަންދުވުމާއެކު، ޔޫރަޕްގެ ތެޔޮ ކުންފުނިތަކަށް ވަނީ ބޮޑު ފައިދާއެއް ލިބިފައެވެ.
- ބީޕީ: އަހަރުގެ ފުރަތަމަ ތިން މަސްދުވަހު 3.2 ބިލިއަން ޑޮލަރުގެ ފައިދާއެއް ހޯދާފައިވެއެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.
- ޝެލް: ފުރަތަމަ ކުއާޓަރުގައި 6.92 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައިވެއެވެ.
- ޓޯޓަލް އެނާޖީސް: މި ކުންފުނީގެ ފައިދާ 5.4 ބިލިއަން ޑޮލަރަށް ވަނީ އުފުލިފައެވެ.
މާލީ ބާޒާރުގައި އުފެދުނު ނުތަނަވަސްކަމުގެ ފައިދާ ބޮޑެތި ބޭންކުތަކުން ވެސް ވަނީ ނަގާފައެވެ. އެމެރިކާގެ އެންމެ ބޮޑު ހަ ބޭންކުން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ޖުމްލަ 47.7 ބިލިއަން ޑޮލަރުގެ ފައިދާއެއް ހޯދާފައިވެއެވެ. މީގެ ތެރެއިން ޖޭޕީ މޯގަންގެ ޓްރޭޑިންގ ގޮފިން އެކަނިވެސް 11.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދިއެވެ.
ހަނގުރާމައިގެ ސަބަބުން ހަތިޔާރު އުފައްދާ ކުންފުނިތަކަށް އޮތް ޑިމާންޑް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ބީއޭއީ ސިސްޓަމްސް އާއި ލޮކްހީޑް މާޓިން ފަދަ ކުންފުނިތަކަށް ލިބިފައިވާ އޯޑަރުތައް ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ. މިއީ ގައުމުތަކުން އެމީހުންގެ ދިފާއީ އިންތިޒާމުތައް ވަރުގަދަކުރުމަށް ކުރަމުންދާ ހޭދައިގެ ސަބަބުން ލިބުނު ކުރިއެރުމެކެވެ.
ތެލުގެ އަގު އުފުލުމާ ގުޅިގެން އިއާދަކުރަނިވި ހަކަތައަށް އޮތް ޝައުގުވެރިކަން ވެސް ވަނީ އިތުރުވެފައެވެ. ޑެންމާކުގެ ވެސްޓާސް އާއި އޯސްޓެޑް ފަދަ ކުންފުނިތަކުގެ ފައިދާ އިތުރުވަމުންދާއިރު، އިރުގެ ހަކަތަ ބޭނުންކުރާ ނިޒާމުތަކާއި ކަރަންޓު ކާރުތަކަށް އޮތް ޑިމާންޑް ވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދިޔަ ނަމަވެސް، މި ބޮޑެތި ސިނާއަތްތަކަށް މިއީ މާލީ ގޮތުން ރަން ދުވަސްވަރަކަށް ވަނީ ވެފައެވެ.










