އީރާނުގެ ދެކުނުން، ގަލްފް އޮފް އޮމާންގައި އޮންނަ ޖަސްކް އައިލެންޑް ކައިރީގައި އެމެރިކާގެ މަނަވަރަކަށް ހަމަލާ ދީފައިވާ ކަމަށް އީރާނުން ބުނެފިއެވެ.
އީރާނުން ބުނީ ޓްރެފިކާއި ޝިޕިން ސެކިއުރިޓީއާ ހިލާފަށް އިއްޔެ ހުރްމުޒް ކަނޑުއޮޅި ތެރެއިން ދަތުރުކުރި އުޅަނދަށް މިސައިލް ހަމަލާ ދީފައި ވަނީ އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ނޭވީ އިން ކަމަށެވެ.
އީރާނުގެ މަސްދަރުން ބުނީ އައި.އާރް.ޖީ.ސީގެ ހަމަލާތަކުގެ ސަބަބުން އެމެރިކާގެ އުޅަނދަށް މަޖުބޫރުވީ ފަހަތަށް އެނބުރި ދިޔުމަށެވެ. އަދި ފިލަން މަޖުބޫރުވީ ކަމަށެވެ.
އެކަމަކު އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ވަނީ އީރާނުގެ މި ވާހަކަތައް ދޮގު ކޮށްފައެވެ.
އެމެރިކާ އާއި އިސްރާއީލުން އީރާނާއި ދެކޮޅަށް ފެބްރުއަރީ 28 ވަނަ ދުވަހު ހަމަލާތައް ދިނުމުން އިސްރާއީލުގެ އިތުރުން ގަލްފުގައި ތިބި އެމެރިކާގެ އެކުވެރި ގައުމުތަކާއި ދެކޮޅަށް ތެހެރާނުން ބަދަލު ހިފުމުގެ އިތުރުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރިއެވެ.
މިއާއި އެކު އޭޕްރީލް މަހުގެ 13 ވަނަ ދުވަހުން ފެށިގެން އެމެރިކާއިން ދަނީ އީރާނަށް ވަދެނުކުމެ އުޅޭ އުޅަނދުތަކަށް ހުރަސް އަޅަމުންނެވެ.
މައްސަލަ ހައްލު ކުރުމަށް ޕާކިސްތާނުން ގެންދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އޭޕްރީލް 8 ވަނަ ދުވަހު ދެ ހަފްތާ އަށް ހަނގުރާމަ ހުއްޓާލުމަށް އިއުލާން ކުރިއިރު، އޭގެ ފަހުން އޭޕްރީލް 11 ވަނަ ދުވަހު އިސްލާމްއާބާދުގައި ސީދާ މަޝްވަރާތަކެއް ކުރި ނަމަވެސް ހަނގުރާމަ ހުއްޓާލުމާއި ބެހޭ ގޮތުން އެއްބަސްވުމަކަށް ނާދެވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަހުން ވަނީ ޕާކިސްތާނުން އެދުމުން، މުއްދަތެއް ކަނޑަނާޅައި ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކޮށްފައެވެ.










