ފަލަސްޠީނުގެ ޣައްޒާ އާއި ލުބުނާނުގެ ކުށެއްނެތް ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އުދުވާންތައް ވަރުގަދަވަމުންދާ ދަނޑިވަޅެއްގައި، އިޒްރޭލަށް "އެޑްވާންސްޑް ޕްރެސިޝަން ކިލް ވެޕަން ސިސްޓަމް" (އޭޕީކޭޑްބުލިޔުއެސް) ވިއްކުމަށް އެމެރިކާ ސަރުކާރުން ނިންމައިފިއެވެ. މިއީ 992.4 މިލިއަން ޑޮލަރުގެ ޑީލެކެވެ.
އެމެރިކާގެ ޑިފެންސް ސެކިއުރިޓީ ކޯޕަރޭޝަން އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި، މި މުއާމަލާތުގެ ދަށުން އިޒްރޭލަށް ލޭޒާ-ގައިޑެޑް ރޮކެޓް ސިސްޓަމްތަކާއި، އެއާ ގުޅޭ އަސްކަރީ އެކި ސާމާނުތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަތިޔާރުތައް ވިއްކުމުގެ މައިގަނޑު ބޭނުމަކީ އިޒްރޭލުގެ އަސްކަރީ ގާބިލުކަން އިތުރުކުރުން ކަމަށް އެމެރިކާއިން ބުނި ނަމަވެސް، މިފަދަ ނިންމުންތަކުގެ ސަބަބުން ލުބުނާނާއި ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ދޭ ހަމަލާތައް އިތުރަށް ނުރައްކާވެ، ސަރަހައްދީ މަސްލަހަތު އިތުރަށް ގޯސްވެގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.










