ވޮޝިންގްޓަން: އިރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ވަރުގަދަ ހަނގުރާމައިގައި، އެމެރިކާގެ އަސްކަރިއްޔާއަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން ދިރާސާ ކުރާ ފަރާތްތަކުން ހާމަކޮށްފި އެވެ. ވޮޝިންގްޓަންގައި ހުންނަ ސެންޓާ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް އިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ފެބުރުއަރީ 28 ގައި ފެށުނު މި ހަނގުރާމައިގައި އެމެރިކާގެ 2.3 ބިލިއަނާއި 2.8 ބިލިއަން ޑޮލަރާ ދެމެދުގެ އަގުހުރި އަސްކަރީ ސާމާނު މިހާތަނަށް ވަނީ ހަލާކުވެފަ އެވެ.
މި ހަނގުރާމައިގައި އެމެރިކާގެ ކާމިޔާބީތަކާ ބެހޭގޮތުން މާޗު 26 ވަނަ ދުވަހު އެމެރިކާގެ ޑިފެންސް ސެކްރެޓަރީ، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިހުގައި އިންނަވައި ޓީވީ މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިރާނުގެ އަސްކަރިއްޔާ ވަރަށް އަވަހަށް އަދި ވަރަށް ފުރިހަމައަށް ނައްތާލެވިފައިވާ ކަމަށެވެ. ނަމަވެސް، އެމަނިކުފާނު މިހެން ވިދާޅުވިތާ 24 ގަޑިއިރުވެސް ނުވަނީސް، އިރާނުން ވަނީ ސައުދީ އަރަބިއްޔާގެ އިރުމަތީގައި އޮންނަ ޕްރިންސް ސުލްތާން އެއާބޭސްއަށް ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފަ އެވެ.
މާޗު 27 ވަނަ ދުވަހު ދިން މި ހަމަލާގައި، 700 މިލިއަން ޑޮލަރުގެ އަގުހުރި 'އީ-3 އޭވެކްސް' ރާޑަރު ބޯޓެއް ވަނީ އެއްކޮށް ހަލާކުވެފަ އެވެ. މިއީ އެތައް ސަތޭކަ ކިލޯމީޓަރެއްގެ ދުރުމިނުން މިސައިލާއި ބޯޓުތައް ދެނެގަނެ، ވައިގެ ހަނގުރާމަތައް ވިލަރެސްކުރާ އެމެރިކާގެ މައިގަނޑު އެއް އުޅަނދެވެ. މި ހަމަލާގައި އެމެރިކާގެ ބައެއް ސިފައިން ޒަހަމްވެފައިވާކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ސީއެސްއައިއެސް ގެ ސީނިއާ އެޑްވައިޒަރު މާކް ކެންސިއަން ވިދާޅުވި ގޮތުގައި، އެމެރިކާ ސަރުކާރުގެ އެދުމަކަށް 'ޕްލެނެޓް ލެބްސް' އިން ސެޓެލައިޓް ފޮޓޯތައް އާންމުކުރުން ހުއްޓާލާފައިވީ ނަމަވެސް، އިރާނުގެ ސެޓެލައިޓް ފޮޓޯތަކުން އެމެރިކާގެ ބޭސްތަކަށް ލިބިފައިވާ ބޮޑެތި ގެއްލުންތައް ފެންނަން އެބަހުއްޓެވެ. މީގެ އިތުރުން، އަމިއްލަ ސިފައިންގެ އަތުން އޮޅިގެން ދެވުނު 'ފްރެންޑްލީ ފަޔާ' ހަމަލާއެއްގައި ކުވައިތުގައި އެމެރިކާގެ ތިން އެފް-15 ޖެޓް ވެސް ވަނީ ވެއްޓިފަ އެވެ.
އަދި މާޗު 1 ވަނަ ދުވަހު، އެމެރިކާގެ އެންމެ ޒަމާނީ 'ތާޑް' މިސައިލް ޑިފެންސް ސިސްޓަމްގެ ރާޑަރަކަށް އަމާޒުކޮށް އިރާނުން ދިން ހަމަލާއެއްގައި، ގާތްގަނޑަކަށް 485 މިލިއަނާއި 970 މިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމެއް ލިބިފައިވާކަން ސީއެސްއައިއެސް އިން ފާހަގަކުރެ އެވެ.
ދޯހާ އިންސްޓިޓިއުޓްގެ ޕްރޮފެސަރު އުމަރު އަޝޫރު ވިދާޅުވީ، އެމެރިކާގެ ރިޔާސީ އިންތިހާބަށް ނޭދެވޭ އަސަރެއް ކޮށްފާނެތީ، ޓްރަމްޕްގެ ސަރުކާރުން މި ގެއްލުންތަކުގެ ހަގީގީ މައުލޫމާތު ހާމަކުރަން ބޭނުންނުވަނީ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، އެމެރިކާއިން އޮޕަރޭޝަނަލް ގޮތުން ބައެއް ކާމިޔާބީތައް ހޯދި ނަމަވެސް، އިރާނުގެ ރެޖީމް ބަދަލުކުރުމާއި ނިއުކްލިއާ ގާބިލުކަން ނައްތާލުމުގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލްވަމުން ނުދާ ކަމަށެވެ.
މި ހަނގުރާމައިގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅި ބަންދުވެ، ބައިނަލްއަގުވާމީ ވިޔަފާރިއަށް ބޮޑެތި ހުރަސްތަކެއް އެޅިފައިވާއިރު، އިރާނުގެ އަސްކަރީ އޮނިގަނޑަށް ބައެއް ގެއްލުންތައް ލިބުނު ނަމަވެސް، އެގައުމުގެ މިސައިލް އަދި ޑްރޯންގެ ބާރު އަދިވެސް ދަށަށް ނުދާކަމަށް އަސްކަރީ މާހިރުން ވިދާޅުވެ އެވެ.









