އީރާނާއި އިންވެގެން އޮންނަ ހުރްމުޒް ކަނޑަށް މައިން އަޅާ ބަޔަކު ފެނިއްޖެ ނަމަ އެ ބަޔަކަށް ވަގުތުން ޙަމަލާދީ އެ އުޅަނދެއް ވެސް ފައްތާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާގެ ސިފައިންނަށް އަމުރެއް ނެރުއްވައިފިއެވެ.
މި އަމުރު ނެރުއްވާފައިވަނީ ސަރަހައްދުގައި ހަމަލާބަދަލުކުރުން ހުއްޓާލާފައިވާ ދަނޑިވަޅެއްގައެވެ.
މި އަމުރުގައިވާ ގޮތުން، އެމެރިކާގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކަށް ނުވަތަ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ނުރައްކާވާ ގޮތަށް މައިން އެޅުމުގެ އެއްވެސް ހަރަކާތެއް ހިންގާކަން ފާހަގަކުރެވިއްޖެނަމަ، ވަގުތުން ބަޑިޖަހައި އެ އުޅަނދެއް ހަލާކުކޮށްލުމުގެ ފުރިހަމަ އިޚްތިޔާރު ސިފައިންނަށް ވަނީ ދީފައެވެ.
ހުރްމުޒް ކަނޑުއޮޅި އަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ، އިގްތިސާދީ ގޮތުން ނުހަނު މުހިންމު ސަރަހައްދެކެވެ.










