އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ހުރިހާ ސާމާނެއް އެމެރިކާއާ ހަވާލުކުރުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު އިއުލާނު ކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، އީރާނުން މުއްސަނދިކޮށްފައިވާ ހުރިހާ ޔުރޭނިއަމްއެއް ވޮޝިންޓަނަށް ލިބޭނެ ކަމަށެވެ. ޓްރަމްޕް ވަނީ މި ތަކެއްޗަށް ނިސްބަތްކޮށް "ނިއުކްލިއާ ޑަސްޓް" ނުވަތަ ނިއުކްލިއާ ކުނޑީގެ ނަމުން ވާހަކަ ދައްކާފަ އެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން އިތުރު ތަފްސީލް ދެއްވަމުން ޓްރަމްޕް ބުނީ، މި މުއާމަލާތުގެ ބަދަލުގައި އެއްވެސް ގޮތަކުން ނުވަތަ އެއްވެސް ބާވަތެއްގެ ފައިސާގެ މުއާމަލާތެއް ނުހިނގާނެ ކަމަށެވެ. އަދި މިއީ އެއްވެސް އަގަކާ ނުލައި ކުރެވޭ ކަމެއްކަން އޭނާ ފާހަގަކުރި އެވެ.
މީގެ އިތުރުން، ޓްރަމްޕް ބުނީ އީރާނާއެކު ވެވޭ މި އެއްބަސްވުމަކީ ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި އެ ގައުމުގެ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ. ލުބުނާނުގައި މިހާރު އިއުލާނުކޮށްފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާއި، އީރާނުގެ ނިއުކްލިއާ މައްސަލައިގައި ވެވޭ މި އެއްބަސްވުމަކީ މުޅިން ތަފާތު ދެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.
މި އެއްބަސްވުމަކީ މެދުއިރުމަތީގެ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެ ކަމެއް ކަމަށް ބެލެވޭއިރު، މިއީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާއިން ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ދަށުން ލިބުނު ކާމިޔާބީއެއް ކަމަށް ޓްރަމްޕް ވަނީ އިޝާރާތް ކުރައްވާފައެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން އީރާނު ސަރުކާރުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.










