އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލަމުންދާ ޕާކިސްތާނަށް އެހީތެރިވުމުގެ ގޮތުން، ސައުދީ އަރަބިއްޔާއިން 8 ބިލިއަން އެމެރިކާ ޑޮލަރުގެ މާލީ އެހީތެރިކަމެއް ދިނުމަށް ނިންމައިފިއެވެ. މި އެހީ އަކީ ޕާކިސްތާނުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދައްކަންޖެހޭ ދަރަނިތައް އަދާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދިން އެހީއެކެވެ. ޔޫއޭއީ އަތުން ޕާކިސްތާނުން ނެގި ލޯނަށް ދައްކަން ޖެހެނީ 3.5ބިލިއަން ޑޮލަރެވެ.
ޕާކިސްތާނުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސައުދީން މި ފޯރުކޮށްދިން އެހީގެ ތެރޭގައި ތެލުގެ ވިޔަފާރި އަށް ބޭނުންވާ ފައިސާ އާއި، ޑިޕޮސިޓްތަކުގެ އިތުރުން ސީދާ މާލީ އެހީތެރިކަން ހިމެނެއެވެ.
މި އެހީގެ ސަބަބުން ޕާކިސްތާނުގެ ބޭރުގެ ފައިސާގެ ރިޒާވް ވަރުގަދަވެ، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ނަގާފައިވާ ލޯނުތައް އަދާކުރުމަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ.
މިއީ ދާދި ފަހުން ޕާކިސްތާނުގެ ބޮޑުވަޒީރު ސައުދީއަށް ކުރެއްވި ދަތުރުފުޅަށްފަހު ދެ ގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ނިންމި ނިންމުމެކެވެ.










