
އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވޭންސް
އީރާނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލައި މަސްލަޙަތު ޤާއިމް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރި ކަމަށާއި، މަޝްވަރާތައް ނާކާމިޔާބުވީ އެމެރިކާ އިން ވަރަށް ރަނގަޅަށް މަސައްކަތް ކުރުމުން ވެސް އީރާނުން އެކަމަށް އިޖާބަ ނުދިނުމުން ކަމަށް ބުނެ އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވޭންސް ދޮގު ހެދުމަށް ފަހު ޕާކިސްތާނުން ފުރައިފިއެވެ.
އޭނާ ވިދާޅުވީ ޕާކިސްތާނުގައި އީރާނާއެކު ކުރި މަޝްވަރާ ތަކަކީ ސީރިއަސް މަޝްވަރާތަކެއް ކަމަށާއި، އެ މަޝްވަރާ ތަކުގެ ތެރޭގައި ވޮޝިންޓަނުން ސާފު ޑިމާންޑްތަކެއް ކުރި ކަމަށް ފާހަގަކުރިއެވެ.
ގާތްގަނޑަކަށް 21 ގަޑިއިރުގެ މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް އެއްބަސްވުމެއް ނެތި ނިމުނީ އެމެރިކާގެ މުހިންމު ޝަރުތުތައް ގަބޫލުކުރަން އީރާނުން ދެކޮޅު ހެދުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އީރާނުން ބުނީ ޞުލްޙަވެރި ނިއުކްލިއާ މަސައްކަތް ކުރުމުގެ ހުއްދަ އީރާނަށް ދިނުމަށް އެމެރިކާ އިން ބޭނުން ނުވާ ކަމަށާއި، ވޮޝިންޓަނުން މަސައްކަތް ކުރީ ތެހެރާނަށް ބިރު ދައްކައި ގަދަބާރުން މަސައްކަތް ކުރުމަށެވެ. އެއީ ޞުލްޙަ ވެރިވުމެއް ނޫން ކަމަށާއި، އީރާނުގެ ރައްޔިތުން ނުރައްކަލެއްގެ ތެރޭގައި ބޭތިއްބުމަށް އެމެރިކާ އިން ޑިމާންޑް ކުރި ކަމަށެވެ.
އެމެރިކާގެ އަސްލު މަޤްޞަދަކީ އީރާނުން ނިއުކްލިއާ މަސައްކަތް ކުރުން ހުއްޓާލުމެވެ. އެ ޝަރުޠާއި އީރާނުން ދެކޮޅު ހެދި ކަމަށާއި އެއީ އެއްބަސްވުމަކަށް އައުމަށް އޮތް މައިގަނޑު ހުރަހަކަށް ވެގެން ދިޔަ ކަމަށް ނައިބުރައީސް ވޭންސް ވިދާޅުވިއެވެ. އެމެރިކާއިން "ފައިނަލް އެންޑް ބެސްޓް އޮފާ" ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.










