ޗައިނާގެ ނިންބޯގައި މިހާރު ކުރިއަށްދާ "ބޭންކް އޮފް ނިންބޯ ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްސް 2026" ގައި ރާއްޖޭގެ ތަރި ފާތިމަތު ނަބާހާ އަބްދުލް ރައްޒާގު ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ، މުބާރާތުގެ ގަދަ 32 ކުޅުންތެރިންގެ ބުރުން (މެއިން ޑްރޯ) ޖާގަ ހޯދައި ތާރީހީ ކާމިޔާބީއެއް ހޯދައިފި އެވެ.
މިއީ އޭޝިއާގެ އެންމެ ބޮޑު ބެޑްމިންޓަން މުބާރާތުގެ ކޮލިފައިން ބުރުގައި ރާއްޖޭގެ ކުޅުންތެރިއަކު ވާދަކޮށް، ގްރޫޕުގެ އެއްވަނަ ކުޅުންތެރިޔާގެ ގޮތުގައި މެއިން ޑްރޯއަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕަކީ ދުނިޔޭގެ ބެޑްމިންޓަން ފެޑަރޭޝަން (BWF) އިން ސުޕަ 1000 އިވެންޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ، ދުނިޔޭގެ އެންމެ ފެންވަރުމަތީ މުބާރާތްތަކާ އެއް ފަންތިއެއްގެ މުބާރާތެކެވެ.
މިއަދު ފެށި މި މުބާރާތުގެ ކޮލިފައިން ގްރޫޕް 'ސީ' ގައި ހިމެނުނު ނަބާ، އޭނާގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ބަންގްލަދޭޝްގެ އެއްވަނަ އަންހެން ކުޅުންތެރިޔާ އުރްމީ އަކްތަރުއާ އެވެ. މި މެޗު ނަބާ ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. އެއީ 17-21 އަދި 07-21 އިންނެވެ.
މުބާރާތުގައި ނަބާ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ކިރްގިސްތާންގެ އެއްވަނަ ކުޅުންތެރިޔާ ޒަސްމީން އައިސަރޯވާއާ އެވެ. މި މެޗުވެސް ނަބާ ވަނީ ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައެވެ. މި މެޗުގެ ސެޓުތައް ނަބާ ގެންދިޔައީ 05-21 އަދި 06-21 އިންނެވެ.
މި ދެ މޮޅާއެކު ގްރޫޕުގެ އެއްވަނަ ހޯދައި، ނަބާ ވަނީ މުބާރާތުގެ ގަދަ 32 ކުޅުންތެރިންގެ ބުރުން ޖާގަ ކަށަވަރުކޮށްފަ އެވެ. މި ބުރުގައި ނަބާ ނުކުންނަން ޖެހޭނީ ދުނިޔޭގެ ބެޑްމިންޓަންގެ ގަދަބާރެއް ކަމަށްވާ ޖަޕާނުގެ އަކާނޭ ޔަމަގޫޗީއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ.
މި މުބާރާތުގެ އަންހެން ސިންގަލްސްގައި ނަބާ ބޮޑު ކާމިޔާބީއެއް ހޯދާފައިވާއިރު، އޭނާ ދެން ވާދަކުރާނީ އަންހެން ޑަބަލްސް ބައިގަ އެވެ. އަންހެން ޑަބަލްސްގައި ނަބާ ވާދަކުރާނީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އައިމިނަތު ނަބީހާ އަބްދުލް ރައްޒާގާ އެކުގަ އެވެ. މީގެ އިތުރުން މިކްސް ޑަބަލްސް ބައިގައި ނަބާ ވާދަކުރާނީ ޒަޔާން ޝަހީދު ޒަކީއާ އެކުގަ އެވެ.










