އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ކުށްވެރިންނަށް މަރުގެ އަދަބު ދެވޭ ގޮތަށް އެކުލަވާލާފައިވާ އާ ގާނޫނާއި މެދު ޔޫރަޕުގެ ބާރު ގަދަ ގިނަ ޤައުމުތަކުން ނުރުހުން ފާޅުކޮށް، އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން ފަށައިފިއެވެ. ޔޫރަޕުގެ އެ ޤައުމުތަކުން ބުނަނީ ބައިނަލްއަގުވާމީ އިންސާނީ ޙައްޤުތައިކާ ބެހޭ މިންގަނޑުތަކާއި އިޒްރޭލުން ޚިލާފުވަމުންދާ ކަމަށެވެ.
އިޒުރޭލާއި ދެކޮޅަށް އަޑު އުފުލި ޤައުމު ތަކުގެ ތެރޭގައި ފްރާންސް، ޖަރުމަނުވިލާތް، ޕޮލެންޑް އަދި އިޓަލީ ފަދަ ޔޫރަޕްގެ ނުފޫޒުގަދަ ޤައުމުތައް ހިމެނެއެވެ. މި ޤައުމުތަކުން ބުނަމުން ދަނީ މަރުގެ އަދަބަކީ އިންސާނީ ކަރާމާތަށް އުނިކަން އަންނަ، އަދި އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ދުނިޔޭގެ ނިއުކްލިއާ ގާބިލުކަން ލިބިފައިވާ ގައުމުތަކުގެ ތެރެއިން ފަސް ގައުމަކުން ވަނީ އިޒްރޭލުގެ މި ނިންމުމާ ދެކޮޅަށް އަޑުއުފުލާފައެވެ. މީގެ ތެރޭގައި ފްރާންސް، އިނގިރޭސިވިލާތް، ރަޝިޔާ، ޗައިނާ އަދި ޕާކިސްތާން ހިމެނެއެވެ. މި ގައުމުތަކުން ގަބޫލުކުރާ ގޮތުގައި އިޒްރޭލުގެ މި ފިޔަވަޅަކީ މެދުއިރުމަތީގެ މަސްލަހަތު އިތުރަށް ގޯސްވެ، ސަރަހައްދީ ހަމަޖެހުމަށް ބުރޫއަރާނެ ކަމެކެވެ.
އެންމެ ފާހަގަ ކުރެވޭ އަނެއް ކަމަކީ، އިޒްރޭލުގެ އެންމެ ގާތް ބައެއް އެކުވެރި ޤައުމުތަކުން ވެސް ވަނީ މި ޤާނޫނާއި ދެކޮޅު ހަދާފައެވެ. އޭގެ ތެރޭގައި އެމެރިކާ، ކެނެޑާ އަދި އޮސްޓްރޭލިއާ ހިމެނެއެވެ. މި ޤައުމުތަކަކީ ޢާންމުކޮށް ބައިނަލްއަޤްވާމީ މައިދާނުގައި އިޒްރޭލުގެ ދިފާޢުގައި ތިބޭ ޤައުމުތަކެއް ނަމަވެސް، ފަލަސްޠީނު މީހުންނަށް މަރުގެ އަދަބު ދިނުމުގެ މައްސަލާގައި އެ ޤައުމުތަކުން ވަނީ އިޒްރޭލަށް ނުރުހުން އަމާޒުކޮށްފައެވެ.










