އީރާނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާއިރު، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އެންމެ ބޮޑު ދެ ހިއްސާގެ ބާޒާރު ކަމަށްވާ ދުބާއީ ފައިނޭންޝިއަލް މާކެޓާއި އަބޫދާބީ ސެކިއުރިޓީޒް އެކްސްޗޭންޖުން 120 ބިލިއަން ޑޮލަރުގެ އަގު ވެއްޓިއްޖެއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2026 މާރިޗު 31 ވަނަ ދުވަހާ ހަމައަށް ބާޒާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ބޮޑު ގެއްލުން ކުރިމަތިވީ އީރާނުގެ މަސްރަހު ގޯސްވެ، ސަރަހައްދީ ހަނގުރާމައެއްގެ ބިރު ބޮޑުވުމާ ގުޅިގެން އިންވެސްޓަރުންގެ މެދުގައި އުފެދުނު ނުތަނަވަސްކަމުގެ ސަބަބުންނެވެ.
މި ލޮޅުމުގެ ސަބަބުން ދުބާއީ އާއި އަބޫދާބީގެ ކުންފުނިތަކުގެ ހިއްސާގެ އަގުތައް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ވަކިން ހާއްސަކޮށް، އޭވިއޭޝަން، ފަތުރުވެރިކަން އަދި ރިއަލް އެސްޓޭޓް ދާއިރާގެ ކުންފުނިތަކަށް ވަނީ މިކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކޮށްފައެވެ.
އިގްތިސާދީ މާހިރުން ވިދާޅުވާ ގޮތުގައި، މި ގެއްލުން ކުރިމަތިވާން މެދުވެރިވި މައިގަނޑު ސަބަބަކީ ހަނގުރާމައިގެ ސަބަބުން މުދާ އުފުލާ މަގުތަކަށް ބުރޫއެރުމާއި، ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންވެސްޓަރުން އެމީހުންގެ ފައިސާ ރައްކާތެރި މާކެޓްތަކަށް ބަދަލުކުރަން ފެށުމެވެ. މީގެ އިތުރުން، ސަރަހައްދީ ހަމަޖެހުން ގެއްލިދާނެ ކަމުގެ ބިރު އޮތުމަކީ ބޭރުގެ ބޮޑެތި އިންވެސްޓަރުން ހިއްސާގެ ބާޒާރުން ފައިސާ ނެގުމަށް ދިމާވި ސަބަބެކެވެ.
އީރާނުގެ މަސްރަހު ފިނިނުވާހާ ހިނދަކު، ހިއްސާގެ ބާޒާރަށް ކުރިމަތިވެފައިވާ މި ނުތަނަވަސްކަން ދެމިއޮންނާނެ ކަމަށް މުހައްލިލުން ބުނެއެވެ.










