
ބަޙްރޭނުގެ މުޙައްރަޤު ސިޓީގައި ހުރި ތެޔޮ ރައްކާކުރާ ޓޭންކުތަކަކަށް އީރާނުން ދިން ޙަމަލާގައި އެ ސަރަޙައްދުން ދުން އަރާ މަންޒަރު.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އާއި ބަޙްރައިންގައި ހުރި އެލުމިނިއަމް އުފައްދާ މުހިންމު މަރުކަޒުތަކަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.
އީރާނުން ހާމަކޮށްފައިވާ ގޮތުގައި މި ޙަމަލާތަކަކީ އެމެރިކާއިން އެ ސަރަޙައްދުގައި ކުރަމުންދާ ހަނގުރާމައާ ގުޅުންހުރި ތަންތަނަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކެކެވެ. މިގޮތުން ޔޫ.އޭ.އީގެ އެމިރޭޓްސް ގްލޯބަލް އެލުމިނިއަމް (EGA) އަދި ބަޙްރައިންގެ އެލުމިނިއަމް ބަޙްރައިން (Alba) ކުންފުނީގެ ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އައި.އާރު.ޖީ.ސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އެމެރިކާއާއި އިޒްރޭލުގެ މަޞްލަޙަތުތަކަށް އެހީތެރިވެދޭ ސަރަޙައްދީ ބާރުތަކަށް ދެވުނު އިންޒާރެއް ކަމަށެވެ. އަދި މި ކާރުޚާނާތަކަކީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި ބައިވެރިވާ ތަންތަން ކަމަށްވެސް އީރާނުން ތުހުމަތުކުރެއެވެ.










