އެމެރިކާ އިން ޔުކްރޭނަށް ޖާސޫސީ މަޢުލޫމާތު ފޯރުކޮށްދޭ ނަމަ ރަޝިއާއިން އީރާނަށް ޖާސޫސީ މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށް ބުނެ ރައީސް ޕޫޓިން އެމެރިކާ އަށް އިންޒާރު ދީފިއެވެ.
ރަޝިއާ އިން އެމެރިކާ އަށް މި އިންޒާރު ދިނީ ނޭޓޯ އިން ޔުކްރޭނު ލައްވައި ރަޝިޔާ އާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ރަޝިޔާގެ ތަންތަނަށް ދެމުންދާ ޙަމަލާ ތަކާއި ގުޅިގެން، އެކަމާއި މެދު ހިތްހަމަ ނުޖެހިގެންނެވެ. ރަޝިއާ އިން ތުހުމަތު ކުރަނީ ޔުކްރޭނަށް ޖާސޫސީ މަޢުލޫމާތު ފޯރުކޮށްދެނީ އެމެރިކާއިން ކަމުގައެވެ. ނަމަވެސް ޓްރަމްޕްގެ އޮފީހުން ޕޫޓިންގެ މި ތުހުމަތުތައް ދޮގު ކުރެއެވެ. ޚުދު ނޭޓޯ އިންނާއި އީޔޫ އިން ވެސް ބުނަނީ ތިމަންނާމެން ޔުކްރޭނަށް ޖާސޫސީ މަޢުލޫމާތު ފޯރުކޮށްދީ މޮސްކޯ އަށް ޙަމަލާ ދިނުމުގައި ޔުކްރޭނަށް އެހީތެރި ނުވާ ކަމަށެވެ. ނަމަވެސް މޮސްކޯ އަކުން މި ވާހަކަތަކެއް ޤަބޫލެއް ނުކުރެއެވެ.
ޓްރަމްޕް ވަނީ އެމެރިކާ ނެތް ޙާލަތެއްގައި ޔޫރަޕަކީ އާރެއް ބާރެއް ނެތް ބައެއް ކަމަށް ބުނެ މީގެ ކުރިން ފާޑު ވެސް ކިޔާފައެވެ. ޚާއްޞަކޮށް ހުރްމުޒް އަލުން ހުޅުވުމަށް އޭނާ ކުރާ މަސައްކަތަށް އެހީތެރިވުމަށް ޔޫރަޕުން ދެކޮޅު ހެދުމުން ޓްރަމްޕް ހުރީ އޭރު ވަރަށް ބޮޑަށް ރުޅި ގަދަވެފައެވެ.
މި ދަނޑިވަޅުގައި އެމެރިކާ އާއި ދެކޮޅަށް ރަޝިއާ އިން އީރާނަށް ޖާސޫސީ މައުލޫމާތު ފޯރުކޮށްދޭ ނަމަ އެމެރިކާ އަށް ހުރްމުޒް ގައި ކުރަން ބޭނުންވާ މަސައްކަތް ނާކާމިޔާބު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މާހިރުން ބުނެއެވެ.










