އޮސްޓްރޭލިއާގައި ކުރިއަށްދިޔަ އޭޝިއަން ކަޕްގައި ވާދަކުރުމަށްފަހު، އެ ގައުމުން އިންސާނީ އެހީގެ ދަށުން ހިމާޔަތް ހޯދުމަށް އެދުނު އީރާނުގެ އަންހެން ފުޓްބޯޅަ އިތުރު ތިން މެންބަރަކު އެ ނިންމުން ބަދަލުކޮށް، އެނބުރި ގައުމަށް ދާން ނިންމައިފި އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، އެނބުރި ގައުމަށް ދާން ނިންމި ތިން ކުޅުންތެރިންނަކީ ޒަހްރާ ސުލްތާން މެޝްކެހްކާރް އާއި، މޯނާ ހަމޫދީގެ އިތުރުން ޒަހްރާ ސަރްބާލީ އެވެ. މީގެ ކުރިންވެސް މި ޓީމުގެ ބައެއް ކުޅުންތެރިންނަކީ ވަނީ ހިމާޔަތަށް އެދުމަށްފަހު އެ ނިންމުން ބަދަލުކޮށްފަ އެވެ. މި ބަދަލާއެކު، ކުރިން ހިމާޔަތަށް އެދުނު ހަތް ކުޅުންތެރިންގެ ތެރެއިން މިހާރު އޮސްޓްރޭލިއާގައި މަޑުކުރަން ނިންމާފައިވަނީ އެންމެ ތިން މެންބަރުންނެވެ.
މިކަމާ ގުޅޭގޮތުން އޮސްޓްރޭލިއާގެ ހޯމް އެފެއާޒް މިނިސްޓަރު ޓޯނީ ބާކް ވިދާޅުވީ، އެ ކުޅުންތެރިންނަށް ރައްކާތެރި މުސްތަގުބަލެއް ހޯދައިދިނުމަށް އޮސްޓްރޭލިއާ ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި ކަމަށެވެ. ނަމަވެސް، އެ ކުޅުންތެރިން މިފަދަ އުނދަގޫ ނިންމުންތަކެއް ނިންމާއިރު، އެމީހުންގެ ފަހަތުގައިވާ އާއިލީ އަދި ގައުމީ ހާލަތްތަކަށް ސަރުކާރަށް ނުފޫޒު ނުފޯރުވޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މި މައްސަލަ ބޮޑުވެގެން ދިޔައީ މާޗު މަހުގެ 2 ވަނަ ދުވަހު ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުގައި އީރާނުގެ ގައުމީ ސަލާމް ކިޔުމަށް ކުޅުންތެރިން ދެކޮޅު ހެދުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އީރާނުގެ ބައެއް ފަރާތްތަކުން އެ ކުޅުންތެރިންނަކީ "ގައުމަށް ގައްދާރުވި ބައެއް" ކަމަށް ބުނެ ފާޑުކިޔާފައިވެ އެވެ.
އީރާނުގެ ކުޅިވަރާ ބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ އަންހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންގެ ގައުމީ ރޫހުގެ ސަބަބުން ދުޝްމަނުންގެ ރޭވުންތައް ނާކާމިޔާބުވެފައިވާ ކަމަށެވެ. އަދި އޮސްޓްރޭލިއާ ސަރުކާރުން މަސައްކަތް ކުރަނީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ސިޔާސަތުތަކާ އެއްގޮތަށް ކަމަށްވެސް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެނބުރި ގައުމަށް ދާން ނިންމި ކުޅުންތެރިން މިހާރު ތިބީ މެލޭޝިއާގެ ކުއަލަލަމްޕޫރަށް ދިއުމުގެ މަގުމަތީގަ އެވެ. އެމީހުން އެނބުރި ދަނީ ނަފްސާނީ ހަނގުރާމައާއި، އެކި ފަރާތްތަކުން ދިން ލުއިފަސޭހަ ހުށަހެޅުންތަކަށް ފުރަގަސްދިނުމަށްފަހު ކަމަށްވެސް އެ އެޖެންސީން ބުނެފައިވެ އެވެ.










