އިޒްރޭލާއި އެމެރިކާ ގުޅިގެން މުސްލިމް ގައުމުތަކުގެ މެދުގައި ބައިބައިވުން އުފެއްދުމަށް ކުރަމުންދާ މަކަރުވެރި ރޭވުންތަކަށް ފުރުސަތު ނުދީ، ސަރަހައްދީ ގައުމުތަކުން އެކަތިގަނޑަކަށް ވުމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ގޮވާލައިފި އެވެ.
ޕެޒެޝްކިއާން ފާހަގަކޮށްފައިވާ ގޮތުގައި، ޣައްޒާގައި 168 މައުސޫމް ކުޑަކުދިން މަރައި، 50،000 އާއި 60,000 އާ ދެމެދުގެ އަދަދަކަށް މީހުން ޝަހީދުކޮށް ބޮޑު ގަތުލުއާންމެއް ހިންގަމުންދާ އެމެރިކާއާއި އިޒްރޭލަކީ އެއްވެސް ލަދުހަޔާތެއް ނެތް ބައެކެވެ. އެމީހުން އަމިއްލައަށް މިފަދަ ލާއިންސާނީ އަމަލުތައް ހިންގަމުންދާއިރު، ދުނިޔެއަށް ދައްކަން އުޅެނީ އީރާނުން ބޭނުންވަނީ މީހުން މަރަން ކަމަށް ބުނެ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.
މި މައްސަލައިގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ގައުމަށް ހަމަލާދޭ ކޮންމެ ބަޔަކާ ދެކޮޅަށް ސާބިތުކަމާއެކު ތިބޭނެ ކަމަށާއި، އެފަދަ ކޮންމެ ހަމަލާއަކަށް ފުރިހަމަ ބާރާއެކު ރައްދު ދޭނެ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ފަތުރަމުންދާ "މާފަށް އެދުމުގެ" ވާހަކަތަކާ ގުޅިގެން ވިދާޅުވީ، ހިތާމަކުރާ ހަމައެކަނި ކަމަކީ މި ހަމަނުޖެހުންތަކުގެ ސަބަބުން ސަރަހައްދުގެ ލޮބުވެތި ރައްޔިތުންނަށް ކަންބޮޑުވުމެއް ކުރިމަތިވުން ކަމަށެވެ.
ނަމަވެސް، ގައުމުގެ ބިމަށް ހަމަލާދިން ފަރާތްތަކަށް އެމީހުންގެ އަމަލުތަކުގެ ރައްދު ވަރުގަދައަށް ދެމުންދާ ކަމަށާއި، އެއީ ސަރަހައްދީ ގައުމުތަކާ އޮންނަ ގުޅުމާ މުޅިން ތަފާތު ކަމެއްކަން ވަނީ ސާފުކޮށްދީފަ އެވެ. "މި ސަރަހައްދުގެ ގައުމުތަކަކީ އަހަރެމެންގެ ރަހުމަތްތެރިން. އެއީ އަހަރެމެންގެ އަހުން،" އޭނާ ވިދާޅުވެފައިވެ އެވެ.
އިޒްރޭލާއި އެމެރިކާގެ ރޭވުންތަކުން ސަލާމަތްވުމަށް އޮތް ހަމައެކަނި މަގަކީ އެންމެން އެކަތިގަނޑަކަށް ވެ، އަތާއަތް ގުޅާލައިގެން މަސައްކަތް ކުރުން ކަމަށްވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި އެއްވެސް ހާލެއްގައި މުސްލިމް ގައުމުތަކުގެ މެދުގައި ދެކޮޅުވެރިކަން އުފެއްދުމަށް އެމެރިކާއާއި އިޒްރޭލަށް ފުރުސަތެއް ދީގެން ނުވާނެ ކަމަށް އޭނާ ބާރުއަޅާފައިވެ އެވެ.










