މެދުއިރުމަތީގެ ހަމަނުޖެހުން: އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް އިތުރުކުރުމަށް މަޝްވަރާކުރަނީ

މުހައްމަދު ޖަމްޝަތު | 2 ގަޑިއިރު ކުރިން - 1 މާރިޗް 2026 16:01
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން--- ފޮޓޯ: ރައީސް އޮފީސް
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މެދުއިރުމަތިން ރާއްޖެއަށް ދަތުރުކުރާ ގިނަ ފްލައިޓްތަކެއް ވަނީ ކެންސަލްކޮށްފަ. އަދި ރާއްޖެއިން މެދުއިރުމައްޗަށް ކުރާ ބައެއް ދަތުރުތައްވެސް ވަނީ ޑިލޭ ވެފަ

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ދެކުނު އިރުމަތީ އޭޝިއާ، އިރުމަތީ އޭޝިއާ އަދި އިންޑިއާގެ އިތުރު އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ހާމަކޮށްފިއެވެ.

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި، ވައިގެ ސަރަހައްދު ބޭނުންކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތު ވަރަށް ގާތުން ބަލަމުންދާކަމަށެވެ. ދުނިޔޭގެ މަދަނީ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމަށް މީގެ ސަބަބުން ކުރިމަތިވެދާނެ އަސަރުތަކަށް އިޝާރާތްކުރައްވައި މިނިސްޓްރީން ބުނީ، ހާއްސަކޮށް މެދުއިރުމަތިން ރާއްޖެއަށް ކުރާ ދަތުރުތަކަކީ ރާއްޖޭގެ އިގުތިސާދާ ގުޅިފައިވާ މުހިންމު ދަތުރުތަކެއް ކަމަށެވެ.

މި ބަދަލުތަކާ ގުޅިގެން، ރާއްޖެއަށް ދަތުރުކުރާ މައިގަނޑު އެއާލައިންތަކާއި، ކަމާގުޅޭ ގައުމީ އަދި ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިނިސްޓްރީގެ އެންމެ އިސް އަމާޒަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުން ކަމަށް އެ މިނިސްޓްރީން ފާހަގަކުރެއެވެ.

މަސްރަހަށް އައި ބަދަލުތަކާ ގުޅިގެން މެދުއިރުމަތިން ރާއްޖެއަށް ދަތުރުކުރާ ބައެއް އެއާލައިންތަކުގެ ޝެޑިއުލްތަކަށް ބަދަލު އައިސްފައިވީ ނަމަވެސް، އެހެނިހެން އެއާލައިންތަކުގެ ދަތުރުތައް މިހާތަނަށް ކުރިއަށްދަނީ ތާވަލާ އެއްގޮތަށް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. މި ހާލަތުގެ ސަބަބުން ކުރާ އަސަރު ކުޑަކުރުމަށްޓަކައި، އޭޝިއާގެ އެކި ސަރަހައްދުތަކުންނާއި އިންޑިއާއިން އިތުރު ދަތުރުތައް ބޭއްވުމަށް މަޝްވަރާކުރެވެމުންދާކަން މިނިސްޓްރީން ފާހަގަކުރިއެވެ.

ރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަތުރުވެރިންނަށް މަރުހަބާ ކިޔާ ގައުމެއްކަން ފާހަގަކުރައްވައި، ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއި މެހެމާންދާރީގެ އެންމެ މަތީ މިންގަނޑުތައް ދެމެހެއްޓުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ އަރުވާފައެވެ. އަދި މަސްރަހަށް އަންނަ ބަދަލުތަކާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ތަނުގައިވެސް ހިއްސާކުރަމުންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%