އީރާނުގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުންނާއި ކަނޑުގެ މަގުން ދެމުންގެންދާ ވަރުގަދަ ހަމަލާތައް ކުރިއަށް އޮތް ތަނުގައިވެސް ފުޅާދާއިރާއެއްގައި ކުރިއަށް ގެންދާނެ ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ އޮފިޝަލް ވިދާޅުވީ، އެމެރިކާއާއި އިސްރާއީލް ގުޅިގެން ދެމުންދާ މި ހަމަލާތަކުގެ މައިގަނޑު މަގްސަދަކީ އީރާނުގެ ސަލާމަތީ ނިޒާމު ރޫޅާލުން ކަމަށެވެ. އަދި މިވަގުތު މި ހަމަލާތައް އަމާޒުކުރަމުންދަނީ ހަމައެކަނި އީރާނުގެ އެތެރޭގެ އެކި ސަރަހައްދުތަކަށް ކަމަށްވެސް އޭނާ ކަށަވަރުކޮށްދެއްވި އެވެ.

މި ހަމަލާތަކުގައި އެމެރިކާގެ ވައިގެ ސިފައިން އަމަލީ ގޮތުން ބައިވެރިވަމުންދާކަން ހާމަކުރައްވަމުން، އެ އޮފިޝަލް ވިދާޅުވީ ހުރިހާ އަސްކަރީ ހަރަކާތްތަކެއްވެސް ކުރިއަށްދަނީ އިސްރާއީލުގެ އަސްކަރިއްޔާއާ ގުޅިގެން، ވަރަށް ބޮޑަށް ވިލަރެސްކުރެވިގެން ކަމަށެވެ.

އީރާނުގެ ވެރިރަށް ތެހެރާން ހިމެނޭހެން އެ ގައުމުގެ އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވެމުންދާ ކަމަށް ރިޕޯޓްތައް ބުނާއިރު، މި ހަމަލާތަކަކީ ފަހުގެ ތާރީހެއްގައި އީރާނަށް އަމާޒުކޮށް ދެވޭ އެންމެ ވަރުގަދަ ހަމަލާތަކުގެ ގޮތުގައި ވަނީ ފާހަގަކުރެވިފަ އެވެ. އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ދެމުންދާ މި ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފަ އެވެ.