ބުރްކިނާ ފާސޯގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ މަސައްކަތްތައް މަނާކޮށް، ގައުމުގެ ސަލާމަތީ ކަންކަމަށް އިސްކަންދިނުމަށް އެ ގައުމުގެ އަސްކަރީ ލީޑަރު ކެޕްޓަން އިބްރާހީމް ޓްރައޮރޭ އިއުލާނުކުރައްވައިފި އެވެ.
މިކަން ހާމަކުރައްވާފައިވަނީ ދާދި ފަހުން އެ ގައުމުގެ މަދަނީ ޖަމާއަތްތަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅެއްގަ އެވެ. ޓްރައޮރޭ ވިދާޅުވި ގޮތުގައި، ގައުމުގައި ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ސިޔާސީ ޕާޓީތަކުގެ ސަބަބުން ބައިބައިވުން އުފެދެ އެވެ. އަދި ގައުމު ނުރައްކާތެރި ހާލަތެއްގައި އޮތްއިރު، ސިޔާސީ ވާދަވެރިކަމަށްވުރެ ބޮޑަށް ގައުމީ އެއްބައިވަންތަކަމާއި ސަލާމަތަށް އިސްކަންދޭންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ބުރްކިނާ ފާސޯގައި 2020 ވަނަ އަހަރު ބޭއްވި އާންމު އިންތިހާބަށްފަހު، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި 15 ޕާޓީއެއް ތަމްސީލުކުރަމުންދިޔައިރު، މުޅި ގައުމުގައި 100 އަށްވުރެ ގިނަ ސިޔާސީ ޕާޓީ ރަޖިސްޓްރީކޮށްފައިވެ އެވެ.
ބުރްކިނާ ފާސޯގެ އަސްކަރީ ޖަންޓާއިން މިފަދަ ނިންމުމެއް ނިންމަން ބޭނުންވަނީ، ގައުމުގެ ބޮޑު ސަރަހައްދެއް ހަނގުރާމަވެރި ޖަމާއަތްތަކުގެ ކޮންޓްރޯލްގެ ދަށުގައި އޮތުމުންނާއި، އެ ޖަމާއަތްތައް ބަލިކުރުމަށް ކުރާ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް ބުނެއެވެ. 2022 ވަނަ އަހަރު އަސްކަރީ ބަގާވާތަކުން ވެރިކަމަށް ވަޑައިގެންނެވި ޓްރައޮރޭގެ ސަރުކާރުން މިހާރުވެސް ވަނީ ސިޔާސީ ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓުވާފަ އެވެ.
ޓްރައޮރޭ ކުރިން ވައުދުވެވަޑައިގެންފައިވަނީ ޖުލައި 1، 2024 އަށް މަދަނީ ސަރުކާރަކަށް ވެރިކަން ބަދަލުކުރުމަށެވެ. ނަމަވެސް އެ މުއްދަތު ހަމަވާން ދެ މަސް ދުވަހަށް ވެފައި ވަނިކޮށް، އަސްކަރީ ޖަންޓާއިން ވަނީ އެ މީހުންގެ ވެރިކަން އިތުރު ފަސް އަހަރަށް ދަންމާލާނެކަން އިއުލާނުކޮށްފަ އެވެ.
މި ފަހަރުގެ ގޮވާލުމަކީ ސިޔާސީ ޕާޓީތައް ދާއިމީ ގޮތެއްގައި މަނާކުރުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ. މި ނިންމުމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ސިޔާސީ ޕާޓީތައް މަނާކުރުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފު، އަދި ރައްޔިތުންގެ ބައިވެރިވުން ކުޑަވެގެންދާނެ ކަމެކެވެ.
ބުރްކިނާ ފާސޯއަކީ ފާއިތުވި އަހަރުތަކުގައި އަލްގައިދާ އަދި އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި ޖަމާއަތްތަކުގެ ހަމަލާތައް ވަރަށް ބޮޑަށް އަމާޒުވެފައިވާ ގައުމެކެވެ. މި ހަމަލާތަކުގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާންޖެހިފަ އެވެ.
ހުޅަނގު އެފްރިކާގައި އޮންނަ ބުރްކީނާ ފާސޯގެ އާބާދީއަކީ 23 މިލިއަން މީހުންނެވެ.










