މަޖީދިއްޔާ ސްކޫލުގެ އައު އިމާރާތުގެ ކުރެހުމުގެ މަސައްކަތްތައް ނިމި، ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް އަމަލީގޮތުން ފެށޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ ތައުލީމީ ބިނާ، މަޖީދިއްޔާ ސްކޫލުގެ އައު އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ކުރީގެ ދަރުމަވަންތަ ސްކޫލު ހުރި ބިމުގަ އެވެ. މިނސްޓަރު ވިދާޅުވީ، މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ އިންޖިނިއަރިންގ މަސައްކަތްތަކާއި ކުރެހުންތައް މިހާރު ފުރިހަމަކޮށްފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ކުރީގެ ދަރުމަވަންތަ ސްކޫލު ހިންގި އިމާރާތް ހުސްކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މަޖީދިއްޔާ ސްކޫލުގެ "ސައްތަވީ ބިނާ" އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިއުލާން ކުރައްވާފައިވާ މުހިންމު މަޝްރޫއެކެވެ. އެގޮތުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރާ ސްމާޓް ކްލާސްރޫމްތަކާއެކު، ޖުމްލަ 40 ކްލާސްރޫމް ހިމެނޭ އައު އިމާރާތެއް އެ ސްކޫލުގައި ބިނާކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން، މަޖީދިއްޔާ ސްކޫލުގެ ތާރީހީ "ދާރުލް އުލޫމް" ބިނާއަކީ ތައުލީމާ ގުޅުންހުރި ދާރުލްއާސާރަކަށް ހައްދަވައިދެއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މާލެ ސަރަހައްދުގެ ތަޢުލީމީ ދާއިރާގެ އުމްރާނީ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންދާ ކަމަށެވެ. އެގޮތުން ސީއެޗްއެސްސީގެ އައު އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމުގެ މަރުހަލާގައި އޮތްއިރު، ޣާޒީ ސްކޫލަށް 18 ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތް ވެސް ބާރުމިނުގައި ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓާގައި ހުޅުމާލޭގައި އައު ސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މަޖީދިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ފެޑޯ ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަޝްރޫއު ނިމުމުން، މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންނަށް ޒަމާނީ ވަސީލަތްތަކާއެކު އުނގަނައިދިނުމުގެ ފުރުސަތު ފަހިވެ، މާލޭގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.










