ރައީސްގެ އިސްނެންގުވުމަށް ޑްރަގުގެ ބޮޑު އޮޕަރޭޝަނެއް، 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވޭ!

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 22 ދުވަސް ކުރިން - 13 ނޮވެންބަރު 2025 12:14
ރައީސް މުއިއްޒު، ކޮމިޝަނާ އޮފް ޕޮލިސް އަދި ހޯމް މިނިސްޓަރު. ދިވެހިރާއްޖެއަކީ މަސްތުވާތަކެތީގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި--- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު، ކޮމިޝަނާ އޮފް ޕޮލިސް އަދި ހޯމް މިނިސްޓަރު. ދިވެހިރާއްޖެއަކީ މަސްތުވާތަކެތީގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

"އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ ފަހުގެ ތާރީހުގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގޭ އެންމެ ފުޅާ ހަރަކާތް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގުވުމަށް ޑްރަގުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފި އެވެ.

މިކަން ހާމަކުރައްވައި ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖެއަކީ މަސްތުވާތަކެތީގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ހާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް އެމަނިކުފާނު ފުލުހުންނަށް އަންގަވާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މި އޮޕަރޭޝަނުގެ ދަށުން ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލާ ފާސްކުރާނެ ކަމަށާއި މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ ކަމަށެވެ.

މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، "އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއް ފުލުހުން މިއަދު ފަށާފައިވާ ކަމަށެވެ. މިއީ، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ އޮޕަރޭޝަނެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ރޭގެ ފަތިހު 05:30ގައި ފެށި މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

މިކަމާ ގުޅިގެން ފުލުހުން އިތުރަށް ބުނީ، "އޮޕަރޭޝަން އަލިމަގު" އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތް ކަމަށެވެ. މިއީ ރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%