ރާއްޖެއިން އިންޑިއާއާ 28 ރަށް ހަވާލުކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް (އެމްއީއޭ) އިން ދޮގުކޮށްފިއެވެ.
އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު މިފަހުން ރާއްޖެއަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅަށް ފަހު މާގިނައިރުތަކެއް ނުވެ ފެތުރުނު މި ތުހުމަތުތަކާއި ގުޅިގެން އިންޑިއާއިން ސިފަކުރީ މިވާހަކަތަކަކީ "އޮޅުވާލާ އަދި ފޭކް ތުހުމަތުތަކެއް" ކަމުގައެވެ.
ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ސައްހަ އެކައުންޓުންނާއި ފޭކު އެކައުންޓުތަކުން މިފަދަ ވާހަކަތައް ފެތުރިއިރު، އެމްއީއޭ އިން ބުނީ އިންޑިއާ އާއި ރާއްޖެއާމެދު ދެމެދު އެފަދަ އެއްވެސްކަހަލަ އެއްބަސްވުމެއް ނަހަދާ ކަމަށާއި އެކަހަލަ ކަމެއް ހިނގާފައިވެސް ނުވާ ކަމަށެވެ. އަދި އެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށާއި އާންމުންނަށް އޮޅުވާލުމާއި ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުން ހަލާކު ކުރުމަށް ކުރާ ތުހުމަތުތަކެއް ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.
މިނިސްޓަރު ޖައިޝަންކަރުގެ ދަތުރުފުޅުގައި މަޝްވަރާތައް ކުރެވުނީ ދެގައުމުގެ ގުޅުން ބަދަހިކުރުމާއި ސަލާމަތާއި ވިޔަފާރިއާއި ތަރައްގީ ފަދަ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށެވެ. އެމްއީއޭއިން ފާހަގަކުރި ގޮތުގައި މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ދެފަރާތުގެ އިޙްތިރާމާއި ޕާޓްނަރޝިޕްގެ ރޫޙުގައި ކަމަށާއި، އެއްވެސް ރަށަކާއިބެހޭ އެޒާތުގެ އެއްވެސް ޑީލެއް ހަދަން ނުވަތަ ރަށެއް ބަދަލު ކުރާކަށް ވެސް ވާހަކައެއް ދައްކާފައި ނުވާކަމަށެވެ.



