އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ ހަ މަޝްރޫއެއް ނިމުނުކަން ފާހަގަކޮށް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.ޖައިޝަންކަރު އެ މަޝްރޫއުތައް ހުކުރު ދުވަހު އިފްތިތާހު ކޮށްދެއްވައިފިއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިންގެ ދަށުން ނިންމާފައިވާ މި މަޝްރޫއުތައް އިފްތިތާހުކޮށްދެއްވީ ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ މަޝްރޫއުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތައުލީމީ ވަސީލަތްތައް ގާއިމްކުރުމާއި ސަރަހައްދީ ހޮސްޕިޓަލްތަކުގައި ސިއްހީ ހިދުމަތްދޭ ޔުނިޓްތައް ގާއިމްކުރުން ހިމެނެ އެވެ.
ފާހަގަކޮށްލެވޭ މަޝްރޫއުތަކުގެ ތެރޭގައި:
އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް - ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި
މެންޓަލް ހެލްތު ޔުނިޓް. - ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި
މަގުބައްތި ހަރުކުރުމުގެ މަޝްރޫއު - ތ. ތިމަރަފުށި، ތ. ވޭމަންޑޫ، ގއ. ކޮނޑޭގައި
އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް. - ލ. ގަމުގެ އިހައްދޫ ސްކޫލްގައި
އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް. - ތިނަދޫ ސިޓީ އަބޫބަކުރު ސްކޫލްގައި
ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު - ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގަ
މި ރަސްމިއްޔާތުގައި ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. އެއް އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާއިރު އަނެއް އެއްބަސްވުމުގައި ސިވިލް ސާވިސް ކޮމިޝަނާއި ނޭޝަނަލް ސެންޓަރ ފޯ ގުޑް ގަވަރނަންސް އޮފް އިންޑިއާއާ ދެމެދު ރާއްޖޭގެ 1،000 މުވައްޒަފުން ތަމްރީނުކުރުން ހިމެނެއެވެ.
ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި ދެގައުމުގެ ގުޅުން ބަދަހިވަމުންދާކަން ހާމަވެގެންދެއެވެ.



