ސައުދިއާ އަށް ހިދުމަތްދޭން ފެށުމާއެކު އާ ޓާމިނަލުން ހިދުމަތްދޭ އެއާލައިންގެ އަދަދު 11 އަށް!

އައިޝަތު ރުވާ ރިފްޢަތު | 38 ދުވަސް ކުރިން - 23 އޮކްޓޯބަރު 2025 19:55
ސައުދިއާ ގެ ބޯޓު ވެލާނާ އެއާޕޯޓުގައި. / ފޮޓޯ: އެމްއޭސީއެލް
ސައުދިއާ ގެ ބޯޓު ވެލާނާ އެއާޕޯޓުގައި. / ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

ސައުދިއާ އަށް އާ ޓާމިނަލުން ހިދުމަތްދޭން ފަށާފައިވަނީ މިދިޔަ ހޯމަ ދުަވަހު. މި އެއާލައިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 2016 ވަނަ އަހަރު.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް (ޓާމިނަލް 1) އިން ސައުދިއާ އަށް ހިދުމަތް ދޭން ފެށުމުން އެ ޓާމިނަލުން ހިދުމަތްދޭ އެއާލައިން ތަކުގެ އަދަދު 11 އަށް އަރައިފި އެވެ. ސައުދިއާ އަށް މި ޓާމިނަލުން ހިދުމަތް ދޭން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

ސައުދީ އަރަބިއާގެ ގައުމީ އެއާލައިނަށް ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށުމުގެ ގޮތުން ވެލާނާ އެއާޕޯޓުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަޝާތު ރަޝީދު އެވެ. މި ރަސްމިއްޔާތުގައި ސައުދީ އަރަބިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލް ގަހުތާނީ އާއި، ރާއްޖެ އާއި އިންޑިއާ އަދި ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަ ސައުދިއާގެ މެނޭގަރު އީސަމް އަލް އަބްސީ އާއި، ރާއްޖެ، ސްރީލަންކާ އަދި ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަ ސައުދިއާގެ އޮޕަރޭޝަންސް މެނޭޖަރު ސާދް އަލް ސާލިހް ގެ އިތުރުން އެމްއޭސީއެލްގެ އިންވެރިންނާއި އޮފިޝަލުން މި ބައިވެރިވެވަޑައިގެންފައިވެ އެވެ.

ޓާމިނަލް 1 އިން ސައުދިއާ އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު. / ފޮޓޯ: އެމްއޭސީއެލް

މި ރަސްމިއްޔާތުގައި އާ ޓާމިނަލުގައި ސައުދިއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ޓާމިނަލް އިން ހިދުމަތްދިން ސައުދިއާގެ 57 ފަސިންޖަރުންނަށް ހަދިޔާ ދީފައިވެ އެވެ. އަދި ސައުދިއާގެ ފުރަތަމަ މަތިންދާބޯޓު SV838 އިން ރާއްޖެ އައި 127 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ސައޫދިއާ އިން ރާއްޖެ އަށް ދަތުރުތައް ފަށާފައިވަނީ 2016 ވަނަ އަހަރު މާޗު 30 ގައެވެ.

މީގެ ކުރިން ޓާމިނަލް 1 އިން ހިދުމަތްދޭން ފެށި އެއާލައިންތަކަކީ؛

  1. މޯލްޑިވިއަން (ދިވެހިރާއްޖެ)
  2. އެއާ އަރަބިއާ (ސައުދީ އަރަބިއާ)
  3. ބިއޯންޑް (ޔުނައިޓްޑް އަރިބި އެމިރޭޓްސް، ދުބާއީ)
  4. ފިޓްސް އެއާ (ސްރީލަންކާ)
  5. ބެއިޖިންގ ކެޕިޓަލް އެއާލައިންސް (ޗައިނާ)
  6. ބަޓިކް އެއާ (މެލޭޝިއާ)
  7. ބެންގްކޮކް އެއާވޭސް (ތައިލެންޑް)
  8. އިންޑިގޯ (އިންޑިއާ)
  9. ގަލްފް އެއާ (ބަހްރެއިން)
  10. މެލޭޝިއާ އެއާލައިންސް (މެލޭޝިއާ)

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%