އެންމެ ބާރުގަދަ 10 ޕާސްޕޯޓުގެ ތެރޭގައި ކުރިން ހިމެނޭ އެމެރިކާގެ ޕާސްޕޯޓް ވިހި އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ބައިނަލްއަޤްވާމީ މައިދާނުގައި 12 ވަނަ އަށް ވެއްޓި މަޤްބޫލްކަން ދަށަށް ހިނގައްޖެއެވެ. އެމެރިކާ އާއި އެކު މުޅި ޔޫރަޕްގެ އެންމެ ކުރީގައި އުޅުނު ޤައުމުތަކުގެ ޕާސްޕޯޓުގެ އަގުވެސް ވަނީ ވެއްޓިފައެވެ. އޭގެތެރޭގައި އެއްވަނައިގައި ކުރިން ވެސް ސިންގަޕޫރާއި އެކު އޮތް އިޓަލީ އާއި ފްރާންސާއި ޖަރުމަނާއި ސްޕެއިން ހިމެނެއެވެ.
އެންމެ ފަހުގެ ގްލޯބަލް ރޭންކިންގައިވާ ގޮތުން އެމެރިކާގެ ޕާސްޕޯޓުގައި މިހާރު ވިސާ ނެގުމަކާއި ނުލައި ދަތުރުކުރެވެނީ 180 ޤައުމަކަށެވެ. މީގެ ކުރިން 188 ޤައުމަކަށް އެމެރިކާ މީހުންނަށް ވިސާ އާއި ނުލައި ދަތުރުކުރެވެއެވެ.
ބްރެޒިލުން މިހާރު އެމެރިކާގެ ރައްޔިތުންނަށް ފްރީ ވިސާ ދިނުން ހުއްޓަލާފައިވާއިރު ޗައިނާއިން ވެސް ވަނީ އެމެރިކާގެ ރައްޔިތުން ބާކީކޮށް ޔޫރަޕްގެ ޤައުމުތަކަށް ވިސާ ފްރީ އެންޓްރީ ފުޅާކޮށްފަ އެވެ. ޕަޕުއާ ނިއު ގިނީ، މިޔަންމާ، އަދި ވިއެޓްނާމުން ވެސް ވަނީ އެމެރިކާ އަށް އިތުރު ހުރަސްތަކެއް މެދުވެރިކޮށްފައެވެ.
ކުރިންވެސް އެއްވަނަ މަޤާމުގައި އޮތް ސިންގަޕޫރު ޕާސްޕޯޓް މިހާރުވެސް އޮތީ އެއްވަނައިގައެވެ. ނަމަވެސް މިދިޔަ އަހަރު 194 ޤައުމަކަށް ވަދެވޭއިރު މިހާރު ވިސާ އާއި ނުކައި ސިންގަޕޫރު ރައްޔިތުންނަށް ވަދެވެނީ 193 ޤައުމަކަށެވެ. ދެވަނައިގައި އޮތީ ދެކުނު ކޮރެއާގެ ޕާސްޕޯޓެވެ. އެއީ 190 ޤައުމަށެވެ. ޖަޕާން ހިމެނެނީ 189 ޤައުމުގެ އެންޓްރީއާއި އެކު ތިންވަނައިގައެވެ. ޖަރުމަނު، ސްޕެއިން، އިޓަލީ، ސްވިޒަލޭންޑް، އަދި ލަކްޒަމްބަރގް ފަދަ ޤައުމުތައް ހަތަރުވަނައިގައި އޮތީ 188 ޤައުމަކަށް ވަދެވޭ ގޮތަށެވެ.
އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އައިއޭޓީއޭ)ގެ ޑޭޓާއަށް ބިނާކޮށް އުފައްދާފައިވާ ހެންލީ ޕާސްޕޯޓް އިންޑެކްސްގައި ދުނިޔޭގެ 199 ޕާސްޕޯޓާއި 227 މަންޒިލެއް ޓްރެކްކޮށްފައިވާއިރު، އެމެރިކާގެ ޕާސްޕޯޓް މިހާރު ވަނީ 12 ވަނަ އަށް ވެއްޓި މަޤްބޫލުކަން ދަށަށް ގޮސްފައެވެ.









