2022 ވަނަ އަހަރުގެ ބަޣްދާދު-ވޮޝިންޓަން ސަލާމަތީ އެއްބަސްވުމުގައި ސެޕްޓެމްބަރު 2026ގެ ނިޔަލަށް އެމެރިކާގެ ހުރިހާ ސިފައިން ޣިރާޤުން ފައިބާން ޖެހޭނެ ކަމަށް ކަނޑައެޅި ނަމަވެސް، މަދުވެގެން އެމެރިކާގެ ދެފައުޖެއް ޣިރާޤުގައި ތިބޭނެ ކަމަށް މަސްދަރުތައް ބުނެފިއެވެ.
އެމެރިކާއިން ކުރިން އެއްބަސްވި ގޮތާއި ޚިލާފަށް، އެއްބަސްވުމުގެ މުއްދަތަށް ފަހު ވެސް ޣިރާޤުގައި ޤާއިމްވެގެން ތިބެން އެމެރިކާ އިން ބޭނުންވަނީ އެއީ އީރާނު ސަރަޙައްދާއި ސީރިއާ ސަރަޙައްދު ކައިރީގައި ތިބޭ ކުރުދީންގެ ޢަމަލުތައް މޮނިޓަރ ކުރުމަށާއި އައިއެސް މޮނިޓަރ ކުރުމަށް ކަމަށް، ޣިރާޤުގައި އޮންނަ އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރާއި ޙަވާލާދީ މަސްދަރުތަކުން ބުނެއެވެ.
އެމެރިކާއިން މިހާރު ރާވާފައި ވަނީ ޣިރާޤުގައި އޮންނަ އެމެރިކާގެ ހަނގުރާމަމަތީ ލަޝްކަރުން ބައެއް ކުރުދީސްތާން ސަރަޙައްދުގައި މަޑުކުރާށެވެ. އެގޮތުން ކިރްކުކާއި ޣާބިލް ގުޅުވައިދޭ ސަރަޙައްދާއި އަދި ޣާބިލް ކައިރީގައި އޮންނަ ހަރީރް ސަރަޙައްދުގައި އެމެރިކާގެ ސިފައިން ހަތިޔާރާއި އެކު ތިބޭނެއެވެ.
އެމެރިކާ ސިފައިން މިހާރު ވެސް ދޭތެރެދޭތެރެއިން ޞައްދާމް ޙުސައިންގެ އުފަން އަވަށް ކަމަށްވާ ތިކްރީތުގައި ޙަރަކާތްތެރިވެއެވެ. ނަމަވެސް 2026 ގެ ފަހުން އެ ސަރަޙައްދު ދޫކޮށްލާނެ ކަމަށް ޣިރާޤުގައި އޮންނަ އެމެރިކާގެ ޕަޕެޓް ސަރުކާރުން ބުނެއެވެ. ސަބަބަކީ މިހާރު އެ ސަރަޙައްދުހެ ރައްޔިތުންގެ ހިތްތަކުން ކުރީގެ ހަ ދާންތައް ނެތިގޮސް، މިހާރުގެ ސަރުކާރަށް އެ ސަރަޙައްދު ކޮންޓްރޯލްކުރެވޭތީވެ، ނުރައްކަލެއް ނެތުމުންނެވެ.
މެދުއިރުމަތީގެ ބާރު ހޯދުމަށް އެމެރިކާއިން ޣިރާޤު ފުނޑާލައި ރައީސް ޞައްދާމް ޙުސައިން ހައްޔަރުކުރީ 2003 ގައެވެ. އަދި ދަންޖައްސައި އަވަހާރަކޮށްލީ 2006 ވަނަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހުއެވެ. ޞައްދާމަކީ ސީރިއާ އާއި ޖޯޑަން އަދި ސައޫދީ އަރަބިއްޔާގެ ވަރަށް ގާތް އެކުވެރިއެއްވެސް މެއެވެ. އެމެރިކާއިން މި ދެންނެވި ޤައުމުތަކުގެ މައްޗަށް މިހާރު ނުފޫޒު އެ ހިންގަނީ ޞައްދާމް އަވަހާރަކޮށްލައި އިތުރު ބައިލައްކަ އަށްވުރެ ގިނަ މީހުން ޣިރާޤުން ޝަހީދުކޮށްލުމަށްފަހުގައެވެ.









