ޕާކިސްތާނުގެ ބާޒާރުގައި ހަކުރު ކިލޯއެއްގެ އަގު މި ހަފްތާގައި އިންތިހާއަށް މައްޗަށް އަރައިފިއެވެ. ޕާކިސްތާނުގެ ޚަބަރުތައް ބުނާ ގޮތުގައި އެ ޤައުމުގެ ބާޒާރުގައި (ޕިޝަވާރުގައި) ހަކުރު ކިލޯއެއް ރީޓެއިލް އަގު މިހާރު އުޅެނީ އެ ޤައުމުގެ ފައިސާއިން ބަލާނަމަ 200 ރުޕީސް އަށެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ 10.88 އެވެ.
ޕާކިސްތާނުގެ ޕިޝާވަރަކީ ހަކުރުގެ އަގު އެންމެ ބޮޑު ސަރަޙައްދެވެ. ކަރާޗީއަށް ކިލޯއެއްގެ އަގު 195 ރުޕީސް އަށް ހުރިއިރު، ކުއެޓާގައި 192 ރުޕީސް އަށް އަދ، ޕަންޖާބާއި އިސްލާމްއާބާދުގެ އަގުތައް އުޅެނީ 190 ރުޕީސް އަށެވެ.
މިއީ ޕާކިސްތާނުގައި ހަކުރުގެ އަގު މިހާ މައްޗަށް އެރި ފުރަތަމަ ފަހަރެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ޕާކިސްތާނުގައި އެވްރެޖުކޮށް ހަކުރު ކިލޯއެއް 137.51 ރުޕީސް އަށް ލިބެން ހުރި ކަމަށް އެ ޤައުމުގެ ބިއުރޯ އޮފް ސްޓެޓިސްޓިކްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ހުސްވި އަހަރު ޕާކިސްތާނުން ވަނީ ގާތްގަނޑަކަށް 765،000 މެޓްރިކް ޓަނުގެ ހަކުރު އެކްސްޕޯޓްކޮށްފައެވެ. އެ ޤައުމުން އެންމެ ގިނައިން ހަކުރު އެކްސްޕޯޓް ކުރަނީ އަފްޣާނިސްތާނާއި، ދުބާއީ އަށާއި، އަދި އެފްރިކާ އަށެވެ.
ޕާކިސްތާނުގައި ހަކުރުގެ އަގު ބޮޑުވީ ވިއްސާރަވެ ފެން ބޮޑުވުމާއި ގުޅިގެން ދަނޑުތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުންނާއި އިންފްލޭޝަން ރޭޓް މަތިވެ ފައިސާގެ އަގު ދަށްވުމުގެ ސަބަބުންނެވެ.