ޤަޠަރުގެ ވެރިރަށަށް އިސްރާއީލުން މިދިޔަ ހަފްތާގައި ޙަމަލާ ދިނުމުގެ ސަބަބުން ބޭއްވި ކުއްލި ސަމިޓަށްފަހު، ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ އެއް ޤައުމަށް ޙަމަލާ ދިނުމަކީ ޖީސީސީގެ ހުރިހާ ޤައުމަކަށް ޙަމަލާ ދިނުން ކަމަށް ޖީސީސީން އިޢުލާންކޮށްފި އެވެ.
ޖީސީސީގައި ހިމެނެނީ ސައުދީ ޢަރަބިއްޔާ އާއި، ޔުނައިޓެޑް ޢަރަބި އެމިރޭޓްސް އާއި ޤަޠަރާއި ކުވެއިތު އަދި ބަހްރައިން އާއި އޮމާނެވެ.
ޖީސީސީގެ ލީޑަރުން އެއްބަސްވީ މައިގަނޑު 6 ކަމަކަށެވެ. އޭގެ ތެރޭގައި ޖާސޫސީ މަޢުލޫމާތު ހިއްސާކުރުމާއި، ޖޮއިންޓް ޓްރެއިނިންގ އާއި، ސަރަޙައްދީ ވައިގެ ޑިފެންސް ކޯޑިނޭޝަން އަދި ރައްދުގައި ކުރަންޖެހޭ ކަންކަން އަވަސްކުރުން ހިމެނެއެވެ.
ނަމަވެސް، މި އެއްބަސްވުމުގައި ރައްދު އަސްކަރީ ޙަމަލާއެއް ދިނުމަށް ބުނެފައެއް ނެތެވެ. އެހެންކަމުން ބެލެވެނީ މިއީ ރަމްޒީ ކަމެއް ނުވަތަ އިޤްތިޞާދީ އަދި ސިޔާސީ ގޮތުން ދަތިކުރުމަށް ޢަރަބިން ކުރާ ކަމެއް ކަމަށެވެ.










