ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުން ވަނީ އުފާވެރި އަދި އަޖައިބުގެ އިހުސާސްތަކަކުން ފުރިގެން ގޮސްފައެވެ. ހަނދު ދުނިޔޭގެ ހިޔަލަށް ވަދެމުންދިޔަ ވަގުތު އޭގެ ކުލަ ބަދަލުވަމުން ގޮސް، "ބްލަޑް މޫން" ގެ ނަމުން މަޝްހޫރުވެފައިވާ ގަދަ ރަތްކުލައިގެ ހަނދު ރާއްޖެއަށް ވެސް މިވަނީ ފެނިފަ އެވެ.

"ބްލަޑް މޫން" ގެ ފޮޓޯ އެއް ނެގުމަށް އާއިލާއެއް ގޮޑުދޮށަށް ނިކުމެ - ފޮޓޯ: ޚުލާސާ
މާލޭގެ ކަންމަތިތަކުންނާއި ރަށްރަށުގެ ހިމޭންކަން އުފެދިފައިވާ ގޮނޑުދޮށްތަކަށް އާއިލާ އާއި ރައްޓެހިން ގޮވައިގެން ނިކުމެ ދިވެހިން މިވަނީ ﷲ ގެ ކުޅަދުންވަންތަކަން ފުރިގެންވާ މި ބްލަޑް މޫން ބެލުމަށް ނުކުމެފަ އެވެ. އެ ތާރީހީ މަންޒަރުގެ ފޮޓޯއާއި ވީޑިއޯގެ ޒަރީއާއިން މުޅި ސޯޝަލް މީޑިއާ މިވަނީ ފުރާލާފައެވެ. އަދި ފޮޓޯގްރާފަރުންގެ ލެންސުތަކުން ނަގާފައިވާ މި ރީތި މަންޒަރު މުޅި ދުނިޔެއަށް ވަނީ ވައިރަލް ވެފަ އެވެ.
ލޫނާރު ހަނދުކޭތައަކީ ދިވެހިރާއްޖޭގައި ވަރަށް ނާދިރުކޮށް ފެންނަ މަންޒަރެކެވެ. ދިވެހިންނަށް މިއީ މިހާ ސާފުކޮށް ބްލަޑް މޫން ފެނުނު ފުރަތަމަ ފަހަރެވެ.
ބްލަޑް މޫން އެންމެ ފުރުތަމަ ފެންނަން ފަށާފައިވަނީ ރާއްޖެ ގަޑިން 23:30 ހާއިރު އެވެ. މި ކޭތަ ނިމުމަކަށް އައީ ރޭ ދަންވަރު ރާއްޖެ ގަޑިން 01:55 ހާއިރު އެވެ.
ހަނދު ކޭތަ އަކީ ދުނިޔެ، އިރާއި ހަނދާ ދެމެދަށް ދުނިޔެ ވަނުމުން ބިމުގެ ހިޔަނި ހަނދުގެ މައްޗަށް އެޅުމުން ކުރިމަތިވާ ކަމެކެވެ. ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްފުޅު ކުރައްވާފައިވަނީ، މިފަދަ ޙާދިސާތަކަކީ އެއްވެސް އިންސާނެއްގެ އުފަންވުމާ ނުވަތަ މަރުވުމާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. އަދި މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމުގެ ނިޝާންތަކުގެ ތެރެއިން އެއް ނިޝާން ކަމުގައި އެކަލޭގެފާނު ޙަދީޘްފުޅުކުރައްވާފައިވެ އެވެ.

އިސްލާމީ މަރުކަޒުގައި ރޭ ކޭތަ ނަމާދުކުރަނީ - ފޮޓޯ: ޚުލާސާ
ރޭގެ ހަނދު ކޭތައާ އެކު ރާއްޖޭގެ ހުރިހާ ރަށެއްގައި ވަނީ ކޭތަ ނަމާދުކޮށްފައެވެ.




