މާދަމާ ރޭ ހިފާ ހަނދުކޭތަ ރާއްޖެއަށް ވަރަށް ރީއްޗަށް ފެންނާނެކަމަށް ލަފާކުރެވޭ ކަމަށް މާހިރުން ލަފާކޮށްފި އެވެ.
އާދީއްތަ ދުވަހުގެ ރޭ ހިފާ ހަނދުކޭތަ ހާއްސަވާ މައިގަނޑު ސަބަބަކީ، ހަނދުގެ ކުލައާއި އާންމުކޮށް ހަނދު ފެންނަ މިންވަރަށްވުރެ ސާފު މިންވަރަކަށް ހަނދު ފެންނަން ހުންނާތީ އެވެ. އެހެންނަމަވެސް، މި ހާއްސަ މަންޒަރު ފެނުމަކީ އެ ދުވަހެއްގެ މޫސުމީ ހާލަތަށް ބަރޯސާވެފައިވާ ކަމެކެވެ. މި ހާއްސަ ހަނދުކޭތަ ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް ފެންނާނެ އެވެ.
ދިވެހިރާއްޖެއަށް ވެސް ބްލަޑް މޫން ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ވަކިން ހާއްސަކޮށް މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މި ހަނދު ފެނުމުގެ ފުރުސަތު އިތުރެވެ. އުތުރާއި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް، ބްލަޑް މޫން ފަސް ގަޑިއިރަށް ފެންނަން ހުންނާނެކަމަށް ލަފާކުރެވެ އެވެ.
ބްލަޑް މޫން އެންމެ ފުރުތަމަ ފެންނަން ފަށާނީ މާދަމާ ރޭ ރާއްޖެ ގަޑިން 20:28 ހާއިރު އެވެ. ހަނދުކޭތަ ނިމުމަކަށް އަންނާނީ މާދަމާ ރޭ ރާއްޖެ ގަޑިން 01:55 ހާއިރު އެވެ.
ރާއްޖެއަށް ހަނދުކޭތަ ފެންނާނެ ގަޑިތައް:
20:28: މިވަގުތު ހަނދުކޭތަ ފެށޭނެ
21:27: މިވަގުތު ހަނދުކޭތައިން ބައެއް ފެންނަން ހުންނާނެ
10:30: މިވަގުތު ހަނދު މުޅިން ނިވައިވާނެ
23:11: މިވަގުތު ހަނދު ރަތްކުލައިގައި ފެންނަން ހުންނާނެ
23:52: މިވަގުތު ފުރިހަމަ ހަނދުކޭތަ ނިމުމަކަށް އަންނާނެ
00:56: މިވަގުތު ހަނދުކޭތަގެ ނުނިމި ދެން އޮންނަ ބައި ނިމޭނެ
01:55: މިވަގުތު ހަނދުކޭތަ އެއްކޮށް ނިމޭނެ
މާދަމާ ރޭ ކޭތަ ހިފާތީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.