ޣައްޒާ މުސްލިމުންގެ ޙައްޤުގައި ހާހަކަށްވުރެ ގިނަ ޔަހޫދީ ޢިލްމުވެރިން ތެދުވެއްޖެ

ޢަބްދުﷲ ޖުނައިދު | 116 ދުވަސް ކުރިން - 6 އޯގަސްޓް 2025 11:58
ޔަހޫދީންގެ ދީނީ ޢިލްމުވެރީންތަކެއް - ޣައްޒާގައި އިސްރާއީލުން ހިންގާ ޤަތުލުޢާންމާއި އެމީހުން ދެކޮޅު.
ޔަހޫދީންގެ ދީނީ ޢިލްމުވެރީންތަކެއް - ޣައްޒާގައި އިސްރާއީލުން ހިންގާ ޤަތުލުޢާންމާއި އެމީހުން ދެކޮޅު.
ޚުލާސާ

ޣައްޒާގެ މުސްލިމުންނަށް ޙަމަލާ ނުދިނުމަށާއި، ހަތިޔާރެއްގެ ގޮތުގައި ބަނޑުހައިހޫނުކަން ބޭނުންނުކުރުމަށް އިސްރާއީލުގެ ސަރުކާރަށް ގޮވާލައި ޣައްޒާ މުސްލިމުންގެ ޙައްޤުގައި ޔަހޫދީންގެ 1000އަށްވުރެ ގިނަ ޢިލްމުވެރިން ތެދުވެއްޖެ.

ޔަހޫދީ ދީނުގެ 1،000 އަށް ވުރެ ގިނަ ދަންނަބޭކަލުން އިސްރާއީލުގެ ޒައެނިސްޓުން އެމެރިކާ އާއި ހުޅަނގުގެ ވާގި ހޯދައިގެން ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލުޢާންމާއި ދެކޮޅަށް ތެދުވެ، މުސްލިމުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް ހުޅުވިފައިވާ ސިޓީ އެއްގައި ސޮއި ކޮށްފިއެވެ.

ޔަހޫދީންގެ ރައްބާނީން ސޮއިކުރި ސިޓީގައި ވަނީ ޣައްޒާގައި އެ ހިންގާ ކަންތައްތަކަކީ ޔަހޫދީ ދީނުގެ ޢަޤީދާ އާއި ފުށުއަރާ ކަންތަކެއް ކަމަށާއި އެއީ ޙަރާމް ކަންތަކެއް ކަމަށެވެ. އަދި މި ކަންތަކުގެ ސަބަބުން ޔަހޫދީންގެ ތެރޭގައި މަސްލަޙަތު ގެއްލި “މުޞީބާތަކާއި” ކުރިމަތިލާން ޖެހިދާނެ ކަމަށް ޔަހޫދީ ޢިލްމުވެރިންގެ ހުޅުވިފައިވާ ސިޓީގައި މާނަ ކޮށްފައި ވެއެވެ.

ސިޓިގައި ސޮއިކުރި ފަރާތްތަކުން، ޙަމަލާތަކުން ދިފާޢު ވުމުގެ ޙައްޤު ޔަހޫދީންނަށް ލިބިގެންވާ ކަމަށާއި ހުރިހާ ޙައްޤެއް ހޯދުމުގެ އިޚްތިޔާރު އޮތް ކަމަށް ވެސް ބަޔާން ކޮށްފައި ވެއެވެ. ނަމަވެސް ޣައްޒާގެ އަންހެނުންނާއި ކުޑަކުދިންނަށް ކުށަކާއި ނުލައި އަނިޔާދީ، މަރައި، އަދި ބަނޑުހައިހޫނުކަން ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރުމަށް އެ ސިޓީގައި އިންޒާރު ދީފައި ވެއެވެ.

ބަނޑުހައިހޫނުކަމުގައި ކާއެއްޗެއް ހޯދަން ޣައްޒާގެ ކުޑަކުދިން އާދޭސްކުރަނީ / ފޮޓޯ: އޭއެފްޕީ

ޔަހޫދީ ރައްބާނީންގެ ސިޓީގައި ވަނީ ޣައްޒާ އަށް ކާބޯތަކެއްޗާއި، ފެނާއި ބޭސްފަރުވާއަށް އިސްރާއީލުގެ ސަރުކާރުން އަޅާފައިވާ ހުރިހާ ހުރަސްތައް ވަގުތުންވަގުތަށް ނިމުމަކަށް ގެނައުމަށެވެ. އަދި މިހާރު އެހީ ފޯރުކޮށްދެމުންދާ ގޮތް ބަދަލުކޮށް ބައިނަލްއަޤްވާމީ ފަރާތްތަކުގެ ބެލުމުގެ ދަށުން ވަރަށް ފުޅާކޮށް ޣައްޒާ އަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރަހީނުކޮށްފައިވާ މީހުން އެނބުރި އައުން އަވަސްކޮށް، އިންސާފުވެރި އަދި ސުލްޙަވެރި ހައްލަކާއި ދިމާއަށް ހުޅުވާލެވިފައިވާ މަޝްވަރާތަކެއް ކުރުމަށް ވެސް ޔަހޫދީ ޢިލްމުވެރިން ގޮވާލައްވައެވެ.

މީގެ އިތުރުން، ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރިކަން ވެސް ކުށްވެރިކޮށް ގާނޫނީ ގޮތުން ޖަވާބުދާރީވުމަށް ވެސް އެ ސިޓީގައި ގޮވާލާފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%