ވެނެޒުއެލާގެ ރިޔާސީ އިންތިހާބުގެ ނަތީޖާއާ މެދު ދެބަސްވުން އުފެދި ފުޅާދާއިރާއެއްގައި ހަމަނުޖެހުންތައް ހިނގައި ސަރަހައްދީ ފިތުނަތައް އިތުރުވެއްޖެ އެވެ. ސަރުކާރާއި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން މަގުމައްޗަށް ނުކުތުމާއެކު ކަރަކަސް އާއި ބޮޑެތި އެހެން ސިޓީތަކުގައި ދަނީ މުޒާހަރާ ކުރަމުންނެވެ.

މުޒާހަރާތައް ހުއްޓުވުމުގައި ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އެއްބަޔަކަށް ހާނިއްކަވެ އަވަށްތެރި ގައުމުތަކުން މަސްރަހު ފިނިކުރުމަށް ނަތީޖާތައް ދެފުށް ފެންނަ ގޮތަކަށް ހާމަކުރުމަށް ދަނީ ގޮވާލަމުންނެވެ. އޭގެތެރޭގައި ބުރެޒިލް އާއި ކޮލަމްބިއާވެސް ހިމެނެއެވެ. މިއި ވެނެޒުއެލާގެ ސަރުކާރާއި ގާތް ގުޅުން ބަހައްޓާ ގައުމުތަކެވެ. މިގައުމުތައް ތަދައްޚުލްވީ ވެނެޒުއެލާގެ އިދިކޮޅު ފަރާތްތަކުން އިންތިޚާބުގެ ނަތީޖާ ސަރުކާރުން ބޮޑުތަނުން އޮޅުވާލައި 3 ވަނަ ދައުރަކަށް ވެނެޒުއެލާގެ ރައީސް މަދޫރޯ އިންތިޚާބުވި ކަމަށް ސަރުކާރުން އެންގުމާއި ގުޅިގެން ހިނގަމުންދާ ހަމަނުޖެހުން ތަކުގެ ސަބަބުންނެވެ.
އިދިކޮޅު ކޯލިޝަނުން ބުނާ ގޮތުގައި އިންތިހާބު ކާމިޔާބުކުރީ އެމީހުންގެ ކެންޑިޑޭޓް އެޑްމަންޑޯ ގޮންޒާލޭޒް އެވެ. އެއީ 73 ޕަސެންޓް ވޯޓާއެކު ޖުމްލަ 6.27 މިލިއަން ވޯޓުންނެވެ. މިއީ 51 ޕަސެންޓް ނުވަތަ 5.15 މިލިއަން ވޯޓުން ރައީސް ނިކޮލަސް މަޑޫރޯ ކާމިޔާބު ހޯއްދެވި އިންތިޚާބީ އިދާރާއިން ލިބުނު ރަސްމީ ނަތީޖާތަކާ ވަރަށް ތަފާތު ނަތީޖާއެކެވެ. ކޯލިޝަނުން އެމީހުންގެ ނަތީޖާ އޮންލައިންކޮށް އާންމުކޮށްފައިވާއިރު، ސަރުކާރުން ވަނީ އިންތިހާބުގެ ތަފްސީލީ މައުލޫމާތު ހިފަހައްޓާފައެވެ.
ބްރެޒިލް، މެކްސިކޯ، އަދި ކޮލަމްބިއާ ހިމެނޭ ގޮތަށް އަވަށްޓެރި ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައިވާއިރު މަޑޫރޯގެ ސަރުކާރުން ވަނީ އާޖެންޓީނާ، ޗިލީ، ކޮސްޓަރިކާ، ޕެނަމާ، ޑޮމިނިކަން ރިޕަބްލިކް، އަދި އުރުގުއޭގެ ސަފީރުން އަނބުރާ އެމީހުންގެ ޤައުމަށް ދިޔުމަށްވެސް އަންގާފައެވެ.
އަނެއްކޮޅުން އެމެރިކާ ބުނީ ވެނެޒުއެލާގެ އިންތިހާބގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށާއި މަޑޫރޯ 3 ވަނަ ދައުރަކަށް ހޮވުނު ކަމަށް ބުނެ ނެރެގެން އުޅޭ ނަތީޖާ އެމެރިކާއިން ގަބޫލު ނުކުރާ ކަމަށެވެ.



