އިރާގުގެ ވާސިތު ޕްރޮވިންސްގައި ހުންނަ ވިޔަފާރި މޯލްއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 70 އަށްވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން، އެ ޕްރޮވިންސްގެ ގަވަރުނަރު މުޙައްމަދު އަލް-މިޔާހީ އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުގެރޭ ވާސިތު ޕްރޮވިންސްގެ ކޫތު ސިޓީގައި އަލަށް ހުޅުވި ވިޔަފާރި މަރުކަޒެއްގަ އެވެ. މި ހާދިސާ ހިނގި ސަބަބު ތަޙްޤީޤު ކުރަމުންދާއިރު، ރަސްމީ ފަރާތްތަކުން ބުނެފައިވަނީ، ޢިމާރާތުގައި ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކޮށްފައި ނެތުމުގެ ސަބަބުން މި ހާދިސާ އިތުރަށް ބޮޑުވެފައިވާ ކަމަށެވެ.
ގަވަރުނަރު މުޙައްމަދު އަލް-މިޔާހީ އިސްތިޢުފާ ދެއްވަމުން ވިދާޅުވީ، "ޝަހީދުންގެ ލޭގެ ގަދަރަށްޓަކައި، އެބޭފުޅުންގެ ބޮޑެތި ޒަޚަމްތަކަށް ލުޔެއް ދިނުމުގެ ގޮތުން، އަދި އެބޭފުޅުންނާއި މި ޕްރޮވިންސްގެ ރައްޔިތުންނަށް ވަފާތެރިކަން ދެއްކުމުގެ ގޮތުން" އިސްތިޢުފާ ދެއްވާ ކަމަށެވެ. އެ ޕްރޮވިންސްގެ ކައުންސިލުން ވަނީ އެ އަށްފަހު ހާދީ މާޖިދު ކައްޒާރު އާ ގަވަރުނަރުގެ ގޮތުގައި އައްޔަންކޮށްފަ އެވެ.