އިންޑިއާއިން އިސްރާއީލަށް ހަތިޔާރު ފޮނުވާތީ އެކަމާއި ދެކޮޅަށް އަޑުއުފުލަން ފަށައިފި އެވެ.
ކުރީގެ ފަނޑިޔާރުންނާއި ޑިޕްލޮމެޓުންނާއި އެކްޓިވިސްޓުންނާއި ލިޔުންތެރިންނާއި އިގްތިސާދީ މާހިރުން ހިމެނޭ ގޮތަށް، އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓްކުރުން ކެންސަލް ކުރުމަށް އިންޑިއާގެ ސަރުކާރަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް އަށް ފޮނުއްވި ސިޓީއެއްގައި އެ ޖަމާއަތުން ބުނަނީ އިސްރާއީލަށް ހަތިޔާރާއި ވަޒަން އެކްސްޕޯޓް ކުރުމަށް ދޫކުރާ ލައިސަންސްތަކަކީ ބައިނަލްއަގްވާމީ ގާނޫނާއި ގާނޫނު އަސާސީގެ ދަށުން އިންޑިއާއިން ވެފައިވާ ވައުދުތަކާ ހިލާފު ކަމެއް ކަމަށެވެ.
އިންޑިއާގެ ސަރުކާރަށް ފޮނުވި ސިޓީގައި، އިސްރާއީލަށް އަސްކަރީ ތަކެތި ފޯރުކޮށްދިނުމަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާއި އިންޑިއާގެ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ގ) އާއި އެކު 21 ވަނަ މާއްދާގެ މެންޑޭޓާ ހިލާފު ކަމެއް ކަމަށް ފާހަގަކުރި އެވެ.
"އެހެންކަމުން ކަމާބެހޭ އެކްސްޕޯޓް ލައިސަންސްތައް ބާތިލްކޮށް، އިސްރާއީލަށް އަސްކަރީ ސާމާނު ފޯރުކޮށްދޭ ކުންފުނިތަކަށް އާ ލައިސަންސް ދިނުން ހުއްޓާލުމަށް އަޅުގަނޑުމެން އިލްތިމާސް ކުރަން،" ސިޓީގައިވެ އެވެ.
މި ސިޓީގައި އިސްރާއީލުގެ އަސްކަރިއްޔާއާ ގާތުން މަސައްކަތްކުރާ އިންޑިއާގެ ތިން ކުންފުންޏެއް ކަމަށްވާ މުނިޝަންސް އިންޑިއާ ލިމިޓެޑާއި ޕްރިމިއާ އެކްސްޕްލޮސިވްސް ލިމިޓެޑާއި އަދާނީ-އެލްބިޓް އެޑްވާންސްޑް ސިސްޓަމްސް އިންޑިއާ ލިމިޓެޑުގެ ދައުރު ފާހަގަކޮށްފައިވެ އެވެ.
ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ރައްދުގައި ބައެއް ގައުމުތަކުން ވަނީ އިސްރާއީލަށް ހަތިޔާރު ފޮނުވުން މަނާކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.
އެހެންކަމުން އިސްރާއީލުން ވަނީ ހަތިޔާރު ގަތުމުގައި އިންޑިއާއަށް އިތުރަށް ބަރޯސާވާން ފަށާފައެވެ. އިސްރާއީލުން ވެސް ގިނަ އަދަދެއްގެ ހަތިޔާރު އިންޑިއާއަށް އެކްސްޕޯޓް ކުރާއިރު މި ދެގައުމުން ވަނީ ޑިފެންސް އުފެއްދުންތެރިންނާ އެކު ޖޮއިންޓް ވެންޗާތަކެއް ހަދާފައިކަންވެސް ފާހަގަ ކުރެވެއެވެ.
"އެހެންކަމުން އަޅުގަނޑުމެން ޑިމާންޑް ކުރަނީ އިސްރާއީލަށް އަސްކަރީ ތަކެތި ފޯރުކޮށްދިނުމުގައި އިންޑިއާއިން ދެމުންދާ އެއްބާރުލުން ވަގުތުން ހުއްޓާލަން،" ސިޓީގައި އިލްތިމާސްކޮށްފައިވާއިރު، "ބައިނަލްއަގްވާމީ ގާނޫނު އެއްފަރާތް ކުރުމަކީ ނަފްރަތު އުފެދޭ ކަމެއް" ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.



