ކާވާ ވިމެންސް ވޮލީބޯލް ނޭޝަންސް ލީގުގައި އިންޑިއާ 3-0 އިން ރާއްޖެ ބަލިކޮށްފި އެވެ
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ވޮލީބޯލް ނޭޝަންސް ލީގުގައި އިންޑިއާ އަތުން ރާއްޖެ ބަލިވެއްޖެއެވެ. 0-3އިން ބަލިވި މި މެޗަކީ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗެވެ.
މި މެޗު އިންޑިއާ އިން ކާމިޔާބު ކުރީ ވަރަށް ފަސޭހަކޮށެވެ. މީގެ ކުރިން ކުޅުނު ފުރަތަމަ މެޗުގައި އީރާން އަތުން 3-1 އިން މޮޅުވެ، އެޓީމު އޮތީ ތާވަލުގެ އެއްވަނައިގައެވެ.
ފުރަތަމަ ސެޓު އިންޑިއާއިން ގެންދިޔައީ 25-6 ގެ ނަތީޖާއަކުންނެވެ. ދެވަނަ ސެޓް 25-17 އިން އަދި ތިން ވަނަ ސެޓުގައި އިންޑިއާ އިން ވަނީ 25-11 އިން މޮޅުވެފައެވެ.
މިހާރު ބޫޓާނުގައި ކުރިއަށްދާ ސީއޭވީ ބީޗް ވޮލީބޯޅަ މުބާރާތުގައި ވާދަކުރާތީ މި މުބާރާތަށް ރާއްޖެ ނުކުތީ މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ ހައްވާ މަޖީދާ، ހައްވާ ރަޝީދާ، އަދި އާމިނަތު އަރީޝާއާ ނުލައެވެ. ނަމަވެސް ދެ ވަނަ މެޗަށް އައިޝަތު މަޖީދާ އާއި ހައްވާ ރަޝީދާ ޓީމާ ގުޅޭނެ ކަމަށް ބެލެވެ އެވެ.
އިންޑިއާ މިހާރު އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ދެން އޮތީ އެއް މެޗުން ލިބުނު ތިން ޕޮއިންޓާއެކު ނޭޕާލެވެ. މި މުބާރާތުގައި ނޭޕާލް، އިންޑިއާ، ސްރީލަންކާ، އަދި އީރާން ހިމެނޭ ގޮތަށް ޖުމްލަ ފަސް ގައުމަކުން ބައިވެރިވެ އެވެ.



