އެމެރިކާގެ މަސްލަހަތަށް، 7000 މީހުންގެ ގާތިލުންނާއެކު ގަތަރުން ސުލްހައިގެ އެއްބަސްވުމެއް!

ޢަބްދުﷲ ޖުނައިދު | 21 ދުވަސް ކުރިން - 22 ޖުލައި 2025 21:08
ކޮންގޯ ސިފައިންނާއި ދެކޮޅަށް ހަނގުރާމަކުރާ އެމް23 ހަނގާރަވެރިންނާ އެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ހޮނިހިރު ދުވަހު ޤަޠަރުގައި ބޭއްވި ބައްދަލުވުން / ފޮޓޯ: ރޮއިޓާސް
ކޮންގޯ ސިފައިންނާއި ދެކޮޅަށް ހަނގުރާމަކުރާ އެމް23 ހަނގާރަވެރިންނާ އެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ހޮނިހިރު ދުވަހު ޤަޠަރުގައި ބޭއްވި ބައްދަލުވުން / ފޮޓޯ: ރޮއިޓާސް
ޚުލާސާ

އެމެރިކާއިން މަލްޓިބިލިއަން ޑޮލަރު އިންވެސްޓުކުރަން އުޅޭ ކޮންގޯގެ، ސަލާމަތީ ބާރުތަކާއި ދެކޮޅަށް ހަނގުރާމަކުރާ ވަކިވެގަނެގެން އުޅޭ އެމް23 ހަނގުރާމަވެރި ޖަމާޢަތާއި އެކު ޞުލްޙައިގެ އެއްބަސްވުމެއް ހަދައިފި.

ރުވާންޑާއާ އެކު ވޮޝިންގްޓަންގައި ތާރީޚީ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރިތާ ހަފުތާތަކެއް ފަހުން، ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) އިން މާޗް 23 މޫވްމަންޓް (އެމް23) ހަނގާރަވެރިންނާ އެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ހޮނިހިރު ދުވަހު ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއި ކުރީ ޤަޠަރުގެ ވެރިރަށް ދޯހާގައެވެ. ރުވާންޑާ އާއި ކޮންގޯގެ ބޯޑަރު ގުޅުނު ސަރަޙައްދަކީ އެމް23 ހަނގުރާމަވެރިންގެ ގުރޫޕް އޮންނަ ސަރަޙައްދެވެ. އެއީ އުތުރު ކިވޫ އާއި ދެކުނު ކިވޫގައެވެ.

އެމް23 އަކީ 2012 ވަނަ އަހަރު ކޮންގޯގެ ކުރީގެ ސިފައިންގެ ތެރޭގައި އުޅުނު ޓުޓްސީ ނަސްލުގެ މީހުންގެ ތެރެއިން އުފެދުނު ހަނގުރާމަވެރި ޖަމާޢަތެކެވެ. މި ޖަމާޢަތުގައި ރުވާންޑާއަށް ނިސްބަތްވާ ގިނަ ބަޔަކު އުޅެއެވެ. ޓުޓްސީ ނަސްލަކީ އިސްތިޢުމާރުގެ ކުރިން ބާރާއި ނުފޫޒު ވަރުގަދަ ނަސްލެކެވެ. އެ މީހުން ދިރިއުޅެނީ ރުވާންޑާ އާއި ބުރޫންޑީގެ އިތުރުން ކޮންގޯގައެވެ. ކޮންގޯގެ ސިފައިންނާއި ދެކޮޅަށް ހަނގުރާމަކުރާ މި ޖަމާޢަތަށް ރުވާންޑާއިން އެހީ ފޯރުކޮށްދޭ ކަމަށް ވެސް ވެއެވެ. ނަމަވެސް ރުވާންޑާއިން އެކަން ދޮގު ކުރެއެވެ.

އެމް23 ހަނގުރާމަވެރިން ވަނީ ކޮމްގޯއިން މިހާތަނަށް ޖުމްލަ 7,000 އަށް ވުރެ ގިނަ މީހުން މަރާލަފައެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކޮންގޯގެ ޢާންމު ރައްޔިތުންނެވެ.

މިއަހަރުގެ (2025) ޖެނުއަރީގައި އެމް23 އިން މަރާލާފައިވާ ކޮންގޯގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ގޯމާގެ ރައްޔިތުންގެ ހަށިތައް ބޮޑީ ބޭގުގައި. އެ ފަހަރު އެ ޖަމާޢަތުން 773 މީހުން މަރައިލި / ފޮޓޯ: އަލްޖަޒީރާ

އެމް23 ގެ ސަބަބުން ކޮންގޯގެ ސަލާމަތަށް ނުރައްކާކުރާއިރު، ޙަމަލާތައް ހުއްޓާލައި ޞުލްޙަ ވުމަށް އާދީއްތަ ދުވަހު ޤަޠަރުގައި ހެދި އެއްބަސްވުމުގައިވާ ގޮތުން، އޮގަސްޓް 18 އަންނަންވާއިރަށް ފުރިހަމަ ޞުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ކަށަވަރުކޮށްފައި ކަމަށް ޚަބަރުތައް ބުނެއެވެ. މި އެއްބަސްވުން މިހާރުން މިހާރަށް ޢަމަލުކުރަން ފަށާނެ ކަމަށާއި، ޖުލައި 29 އަންނަންވާއިރަށް އެއްބަސްވުމުގެ ކަންކަން ފުރިހަމަކުރެވޭނެ ކަމަށް އެއްބަސްވުމާއި ޙަވާލާދީ ޚަބަރުތައް ބުނެއެވެ.


އެމް23 އާއެކު ޞުލްޙަ ކުރުވުން އެމެރިކާ އަށް މުހިއްމުވީ ސަބަބު!


ރުވާންޑާ އަކީ ޤުދުރަތީ ވަޞީލަތްތައް މުއްސަނދި ޤައުމެކެވެ. ދުނިޔޭގައި ވަރަށް މަދުން ނޫނީ ނުލިބޭ ބާވަތެއްގެ މަޢުދަނެއް ރުވާންޑަގައި ގިނަ ޢަދަދަކަށް ހުރެއެވެ. އެއީ ނިއުކްލިއާ ރިއެކްޓަރުތަކާއި ޖައްވީ ކަންކަމަށާއި އަދި ޚާއްޞަކޮށް ޞިއްޙީ ސާމާނުތައް އުފެއްދުމަށް ބޭނުންކުރާ މެޝިނަރީތަކަށް ވެސް މުހިއްމު މަޢުދަނެކެވެ. އެހެންކަމުން އެމެރިކާއިން ވަނީ ރުވާންޑާގެ އެކި ސިނާޢަތްތަކަށް އިންވެސްޓް ކޮށްފައެވެ. އެންމެ ބޮޑު ސަބަބަކީ އެމެރިކާއިން ޗައިނާގެ ނުފޫޒު ކުޑަކުރުމަށްޓަކައެވެ. އެހެންކަމުން އެފްރިކާ ބައްރުގައި ޤާއިމުކުރާ އެއްބަސްވުންތަކުގެ ތެރެއިން ރުވާންޑާއަކީ އެމެރިކާ އަށް މުހިއްމު ބައިވެރިއެކެވެ. ނަމަވެސް ރުވާންޑާގެ އެމް23 އާއި ކޮންގޯގެ ސިފައިން ތަޅާފޮޅާނަމަ އޭގެ ގެއްލުން އެމެރިކާއަށް ލިބޭނެއެވެ. ރުވާންޑާގައި (އެމެރިކާގެ މަސްލަޙަތަށްޓަކައި) ސިފައިން ތަމްރީނު ކުރުމަށް ކަމަށް ބުނެ އެމެރިކާގެ އަސްކަރީ މީހުން ވެސް ވަނީ ބައިތިއްބާފައެވެ.

އަނެއްކޮޅުން ބަލާއިރު އެމެރިކާއިން ވިސްނަމުންދަނީ ކޮންގޯގައި މަލްޓި ބިލިއަން ޑޮލަރުގެ އިންވެސްޓެއް ކުރާށެވެ. ސަބަބަކީ ރުވާންޑާގައި ލިބެންހުރި “ތަދު” ދަގަނޑުގެ މަޢުދަންތަކުގެ އިތުރުން ގިނަ ޢަދަދެއްގެ ލިތިއަމް, ރަނާއި ޖަވާހިރު އަދިޒ ލޮއި ވެސް ކޮންގޯގައި އެބަހުއްޓެވެ. އެހެންކަމުން އެމެރިކާގެ ޕްލޭން ކޮންގޯގައި ކުރިޔަށް ގެންދެވެން އޮތީ ރުވާންޑާގެ މީހުން ހިމެނޭ އެމް23 އިން ކޮންގޯ ސިފައިންނާއި ދެކޮޅަށް ދޭ ޙަމަލާތައް މައިތިރި ކޮށްގެންނެވެ.

އެހެންކަމުން، މި މައްސަލަ ހައްލުކުރުމަށްޓަކައި ޤަޠަރު މެދުވެރިކޮށް އެމެރިކާއިން މިވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި އެމް23 އާއެކު އެ ޤައުމުގެ ޞުލްޙަ ޤާއިމް ކުރުމަށް އެއްބަސްވުމަކަށް އައިސްފައެވެ.

ކުރުކޮށް ބުނާނަމަ، ޤަޠަރުން ވަނީ ކޮންގޯގައި އެމެރިކާގެ މުހިންމު އިންވެސްޓްމަންޓް މަޞްލަޙަތުތައް ރައްކާތެރިކޮށްފައެވެ. ކޮންގޯގެ ވަސީލަތްތައް މުއްސަނދި ސަރަހައްދުގައި އެތައް ބިލިއަން ޑޮލަރުގެ ވިޔަފާރިތަކެއް ކުރުމަށް އެމެރިކާއިން ލޯ އަޅާފައިވާއިރު، ޤަޠަރުގެ ޑިޕްލޮމެޓިކް މަސައްކަތްތަކުން ދަނީ އެމެރިކާ ބޭނުންވާ ކަހަލަ މާޙައުލެއް ޤާއިމް ކުރުމަށް އެހީތެރިވެދެމުންނެވެ. އަފްޣާނިސްތާނުގައި ވިޔަސް، ޣައްޒާގައި ވިޔަސް، ނުވަތަ މިހާރު މެދުތެރޭ އެފްރިކާގައި ވިޔަސް، މެދުއިރުމަތީގައި އެމެރިކާއަށް އިތުބާރު ހުރި އެކުވެރިއެއް ބޭނުންވި އިރު ޤަޠަރުން މިދަނީ އެކަން ދައްކަމުންނެވެ.

މީގެ ކުރިންވެސް އެމް23 އާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތަކެއް ހެދިއެވެ. ނަމަވެސް އެ އެއްބަސްވުންތަކަށް ޢަމަލީ ސިފައެއް ނައެވެ. އެހެންކަމުން މިފަހަރު ދާނީ ކިހާވަރަކުން ބާވައެވެ؟

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%