
އީރާނުގައި ޝަހީދުކޮށްލި ހަމާސްގެ ޕޮލިޓިކަލް ލީޑަރު އިސްމާއިލް ހަނިއްޔާ ގަތަރުގައި ފަސްދާނުލައްވައިފިއެވެ.
މިދިޔަ ބުދަ ދުވަހު އީރާނުގައި ޝަހީދުކޮށްލި ހަމާސްގެ ވެރިޔާ ފަސްދާނުލެއްވީ ދޯހާގެ އުތުރުގައި އޮންނަ ލުސައިލްގެ ސަހަރާއަކަށް ގެންދިއުމުގެ ކުރިން ގަތަރުގެ އެންމެ ބޮޑު މިސްކިތް ކަމަށްވާއިމާމް މުހައްމަދު ބިން އަބްދުލް ވަހާބު މިސްކިތުގައި ބޭއްވުނު ކަށުނަމާދަށް ފަހުގައެވެ.
ޖަނާޒާގައި ތުރުކީގެ ނައިބު ރައީސް ސެވްދެޓް ޔިލްމާޒް އާއި ފޮރިން މިނިސްޓަރު ހަކާން ފިދާން ފަދަ ބޭރުގެ ބައެއް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ. ހަނިއްޔާ ޝަހީދުކޮށްލުމުގެ ޒިންމާ އިސްރާއީލުން ނަގާފައި ނުވި ނަމަވެސް އީރާނާއި މުސްލިމު އެކުވެރި ގައުމުތަކުން ތުހުމަތު ކުރަނީ އިސްރާއީލަށެވެ.
ހައި ސެކިއުރިޓީ ޖަނާޒާގައި ހަމާސް އާއި އަދި ފަތަޙް ޖަމާޢަތުގެ ބޭފުޅުންނާއި އިސްލާމީ ބައެއް ގައުމުތަކުގެ މެމްބަރުން ބައިވެރިވި އެވެ.
2019 ވަނަ އަހަރުން ފެށިގެން ހަނިއްޔާ ދިރިއުޅުއްވަނީ ދޯހާގައެވެ.
ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލާއެކު ނުސީދާ މަޝްވަރާތަކުގައި ހަނިއްޔާ މުހިންމު ދައުރެއް އަދާކުރެއްވި އެވެ.



