
އެސްޓީއޯއިން މިމަހު ފަށަން އުޅޭ ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތަށް ބޭނުންވާ ބޯޓު މޯލްޑިވްސް ޕޯޓްސްލިމިޓެޑުން ގެނެސްފިއެވެ.
އެމްޕީއެލުން ކުރި އެކްސްގައި ބުނީ އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށުމަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގު ބޯޓު ކުޅުދުއްފުށީ ބަނދަރަށް މިއަދު ގެނެސްފައިވާ ކަމަށެވެ.

ރާއްޖެ އޮންނަ ލޮކޭޝަންގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރެ އެވެ. ނަމަވެސް މި ސަރަހައްދުގައި އެ ބޯޓުފަހަރަށް ހިދުމަތްތައް ދެވޭނެ މާ ގިނަ ގޮތްތަކެއް ނޯވެ އެވެ.
މީގެ ކުރިން މިނިސްޓަރު ސައީދު ވަނީ ރާއްޖޭގެ އެންމެ އުތުރުގައި، ބަންކަރިން ހިދުމަތްތަކާއި އެ ސަރަހައްދުގެ ބޯޓުތަކަށް ބޭނުންވާ އިތުުރު ހިދުމަތްތައް ދިނުމަށް ސަަރުކާރުން ވިސްނަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރެއް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ޝިމާދު އިބްރާހީމް ބުނީ ބަންކަރިން ހިދުމަތް ދިނުމަށް ކުރިންވެސް ބުނި ތާރީހަށް ހުރިހާކަމެއް ހަމަޖެހިގެންދާނެ އެވެ.
"މާރޗުމަހު ޓާރމު ޝީޓުގައި ސޮއިކުރި އިރުވެސް ބުނެފައިވާނީ 6 މަސްދުވަސްތެރޭ ފެށޭނެ ކަމަށް، 6 މަސް ދުވަސްވާނީ މިއަންނަ ސެޕްޓެމްބަރަށް، އެއަށްވުރެ ކުރިން އޮގަސްޓުމަހު ތެރޭގައި މިބަލަނީ އަމަލީ މަސައްކަތް ފެށޭތޯ." ޝިމާދު ވިދާޅުވިއެވެ.
އެސްޓީއޯއިން އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފަށަން ތައްޔާރުވެފައިވާއިރު، އެކުންފުނިން ވަނީ ފައިދާ ނުވާތީވެ ބައެއް މަސައްކަތްތައް ދޫކޮށްލާފަެވެ. އޭގެތެރޭގައި ހުޅުމާޅޭގައި ހުރި ޓޫރިސްޓް ހޮޓަލަކާއި އެސްޓީއޯއިން އަޅަން އުޅުނު ފުށް ފެކްޓަރީވެސް ހިމެނެއެވެ.



