މި މަަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލެ އަތޮޅު ބޮޑުހިތި ތިލަ ސަރަހައްދާއި އާއި އޮއްކޮބޭ ތިލަ ހިމެނޭ ސަރަހައްދު ހިމާޔަތް ކޮށްފި ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އިއުލާންކޮށްފިއެވެ.

ކ. ބޮޑުހިތި ތިލަ ސަރަހައްދަކީ މާލެ އަތޮޅުގެ ހުޅަނގު ފަރާތުގައިވާ ސަރަހައްދެކެވެ. މި ސަރަހައްދަކީ ކ. ރަސްފަރި އާއި ކ. އުލާނީ ފަޅާއި ދޭތެރޭގައިވާ ކަނޑުއޮޅި މެދުގައިވާ ތިލައެކެވެ. މި ސަރަަހައްދުގައި ގިނަ އަދަދެއްގެ މުރަކައާއި ފަރުމަސް އަދި ކަނޑުމަސް ދިރިއުޅެމުންދާ ތަނެކެވެ. އަދި ގާނޫނީ ގޮތުން ޙިމާޔަތްކޮށްފައިވާ އަދި ދުނިޔެއިން ނެތިދިއުމުގެ ބިރުހީވެފައިވާ މާހުޅުނބުލަނޑާ ކަހަނބާއި، އެންމަޑިއާއި، ވައްބޯ މިޔަރާއި ކައްޓަފުޅި މިޔަރު މި ސަރަހައްދުން ފެންނަ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.
ބޮޑުހިތި ތިލަ އަކީ މިހާރުވެސް އާންމު ގޮތެއްގައި ދިވެހިންނާއި ފަތުރުވެރިން ފީނުމަށް ބޭނުންކުރާ ތިލައެކެވެ.

އޮއްކޮބޭ ތިލައަކ ކ. އަތޮޅުގެ އިރުމަތީ ފަރާތުގައި އޮންނަ ސަރަހައްދެކެވެ. އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ކުދި ހޮހަޅަ އާއި "އޯވަހޭންގްސް" ހެދިފައިވާ ދިރޭ މުރަކައިގެ އިންސައްތަ ބޮޑު ސަރަހައްދެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެ އެވެ. އަދި އެކި ބާވަތްތަކުގެ ފަރުމަހާއ،ި މުރަކަ، ގައު އަދި އެކި ކުލަކުލައިގެ "ސޮފްޓް ކޮރަލް" މި ސަރަހައްދުގައި ގިނަ އަދަދަކަށް ފެނިފައިވާ ކަމަށާއި އެ ސަރަހައްދުގައި ކޮށްފައިވާ ދިރާސާތަކުން އެ ސަރަހައްދުން 73 ބާވަތުގެ މަސް ދިރިއުޅޭ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ. މި ސަރަހައްދުގައި ނެތިދިއުމުގެ ބިރު ހީވެފައިވާ ބާވަތުގެ މަސް ދިރިއުޅެއެވެ. އޭގެ ތެރޭގައި އޮޅުފަތި މިޔަރާއި، ވައްބޯ މިޔަރާއި، މާހުޅުނބު ލަނޑަޔާއި އަދި ކަހަނބު މި ސަރަހައްދުން ފެންނަކަަމަށް ރެކޯޑު ކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ދެ ތިލައަކީވެސް ދިވެހިން އާންމުކޮށް މަސްވެރިކަން ކުރުމަށްވެސް ގޮސްއުޅޭ ސަރައްދު ތަކެވެ. ހާއްސަކޮށް ނައިޓް ފިޝިންއަށް މި ތިލަތައް ކައިރިއަށް ދެއެވެ.



