ހަމާސްގެ ޕޮލިޓިކަލް ލީޑަރު އިސްމާއީލް ހަނިއްޔާގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކޮށްފިއެވެ. ރާއްޖޭގެ ބައެއް ރަށްތަކުގައި ޣައިބަށް ކަށުނަމާދު ކުރިިއިރު، މިއަދުގެ ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައިވެސް ކަށުނަމާދު ކުރީއެވެ.
ހަނިއްޔާގެ ފަސްދާނު ލުމުގެ ކަންތައް މިއަދު ޤަތަރުގައި ކުރިޔަށްދާއިރު މުސްލިމު ހުރިހާ ޤައުމެއްގައިވެސް ދަނީ ހިތާމަ ފާޅުކުރަމުންނެވެ.
އިސްމާޢީލް ހަނިއްޔާގެ ޖަނާޒާ ބާއްވައިފައިވަނީ އީރާނުގެ ތަހްރާން ޔުނިވަރިސިޓީގައެވެ. މި ކަށު ނަމާދުގައި އެތައްހާސް ބަޔަކު ބައިވެރިވިއެވެ. ހަނިއްޔާގެ ކަށު ނަމާދު އިމާމުވެ ކުރައްވާފައި ވަނީ އީރާނުގެ ރޫހީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަންޢީއެވެ. ނަމާދަށް ފަހު ހަނިއްޔާގެ ހަށިގަނޑު ފަސްދާނުލުމަށް އޭނާ ދިރިއުޅުއްވާ ޤަޠަރަށް ވަނީ ގެންގޮސްފައެވެ.
ބައެއް ޚަބަރުތައް ބުނާ ގޮތުގައި ހަނިއްޔާ އަވަހާރަ ކޮށްލީ އޭނާ ދިރިއުޅުއްވި ގެކޮޅުގައި ގޮވާ އެއްޗެއް ސިއްރުން ޕްލާންޓު ކުރުމަށް ފަހުގައެވެ. އަދި ހަނިއްޔާ އެތަނުގައި ހުރިކަން އެނގުމުން ރިމޯޓުން އޭތި ގޮއްވާލައިގެންނެވެ. އެތަނަކީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ބެލުމުގެ ދަށުގައި ހުންނަ ތަނެކެވެ. ގޮވާ އެތި ޕްލާންޓު ކުރީ މީގެ ދެމަސް ކުރިން ކަމަށް އީރާނުގެ ބައެއް މީސްތަކުން ރިޕޯޓް ކޮށްފައި ވެއެވެ.
މި ގޮވުމުގެ ބާރު ގަދަކަމުން އެ އިމާރާތް އެކީ އެކަށް ތެޅިގަތެވެ. ބައެއް ކުޑަދޮރު ތަކުގެ ބިއްލޫރިތައް ފުނޑުފުނޑުވިއިރު އިމާރާތުގެ ފާރެއްވެސް ވެއްޓުނެވެ.



