އެސް.ޑީ.އެފް.ސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކަން ނިންމައިފި

އަައިޝަތު ޒީނާ | 5 ގަޑިއިރު ކުރިން - 20 ޖުލައި 2025 22:12
އެސް.ޑީ.އެފް.ސީގެ ހިއްސާ ބީއެމްއެލް އަށް ވިއްކުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވީ، އެސް.ޑީ.އެފް.ސީގެ ހިއްސާ ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށް ބީއެމްއެލް އިން ހުށަހަޅާފައިވާ ޕްރޮޕޯސަލަކާ ގުޅިގެން.
އެސް.ޑީ.އެފް.ސީގެ ހިއްސާ ބީއެމްއެލް އަށް ވިއްކުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވީ، އެސް.ޑީ.އެފް.ސީގެ ހިއްސާ ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށް ބީއެމްއެލް އިން ހުށަހަޅާފައިވާ ޕްރޮޕޯސަލަކާ ގުޅިގެން.
ޚުލާސާ

ބީއެމްއެލްގެ ދަށުން ހިނގަމުންދާއިރުވެސް، އެސް.ޑީ.އެފް.ސީއިން ކުދި އަދި މެދުފަންތީގެ ލޯންތައް ދޫކުރަމުން ދާނީ މިހާރުގެ އިންޓަރެސްޓް ރޭޓްތަކަށް ވުރެ ބޮޑުނުވާ ގޮތަށް.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސް.އެމް.އީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ)ގައި އޮންނަ ސަރުކާރުގެ ހިއްސާ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ވިއްކުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.

ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ، އެސް.ޑީ.އެފް.ސީގެ ހިއްސާ ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށް ބީއެމްއެލް އިން ހުށަހަޅާފައިވާ ޕްރޮޕޯސަލަކާ ގުޅިގެން، މިކަމުގެ ސަބަބުން އަންނާނެ ހެޔޮ ބަދަލުތަކާމެދު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އިން ހުށަހަޅާފައިވާ ދިރާސާ ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަކީ ހުއްޓުމެއްނެތި އަބަދުވެސް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ބޭނުންވާ ކަމަކަށް ވާތީ، އެސް.ޑީ.އެފް.ސީގެ ހިއްސާ ބީއެމްއެލް އަށް ވިއްކުމުން، އެ ބޭންކުގެ މާލީ ގާބިލުކަމުގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުއްޓުމެއްނެތި އަބަދުވެސް ލޯނު ލިބެމުން ދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އެސް.ޑީ.އެފް.ސީ ގަތުމަށްފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯން، އަދި ފަސް އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ބީއެމްއެލް އިން ވަނީ ހުށަހަޅާފައެވެ. އަދި ބިޒްނަސް ސްޓާޓް އަޕްސްތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް ތިން އަހަރުދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށްވެސް ވަނީ ނިންމާފަ އެވެ.

ބީއެމްއެލް އިން އެސް.ޑީ.އެފް.ސީ ގަތުމަށްފަހު، އެސް.ޑީ.އެފް.ސީ ހިންގާނީ ޝަރީއާގެ އުސޫލުން މާލީ މުއާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައި ކަމަށް ސަރުކާރުން ބުންޏެވެ. އަދި ދުނިޔޭގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ޑިޖިޓަލް ބޭންކިންގގެ ނިޒާމުގެ ތެރެއިން ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ބީއެމްއެލްގެ ދަށުން ހިނގަމުންދާއިރުވެސް، އެސް.ޑީ.އެފް.ސީއިން ކުދި އަދި މެދުފަންތީގެ ލޯންތައް ދޫކުރަމުން ދާނީ މިހާރުގެ އިންޓަރެސްޓް ރޭޓްތަކަށް ވުރެ ބޮޑުނުވާ ގޮތަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި މާލީ މުއާމަލާތްތައް ބައްޓަން ކުރަމުންދާނީ، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދީ، ވިޔަފާރިތަކުގެ މާލީ ގާބިލުކަމާއި ތިޔާގިކަން އިތުރުކުރެވޭނެ ގޮތަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ މި ނިންމެވުމާ އެއްގޮތަށް ކަންކަން ހަމަޖެހިގެން ދިއުމުން، ބީއެމްއެލްގެ ނެޓްވޯކް މެދުވެރިކޮށް މުޅިރާއްޖެއަށް އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގގެ ހިދުމަތް ފުޅާވެގެން ދާނެ އެވެ. އަދި އެސް.ޑީ.އެފް.ސީގެ ސިސްޓަމްތައް ޑިޖިޓަލައިޒްކޮށް އޮޓޮމޭޓްކުރުމުން، މެނުއަލް މަސައްކަތްތައް މަދުވެ، ލޯންތައް ޕްރޮސެސްކުރުން އަވަސްވެ، މުޅި އެސް.ޑީ.އެފް.ސީގެ އެފިޝަންސީ ރަނގަޅުވާނެ އެވެ. ބީއެމްއެލް އަކީ ޕަބްލިކް ކުންފުންޏަކަށް ވާތީ، އެ ކުންފުނީގެ ބެލެނިވެރިކަމާއެކު އެސް.ޑީ.އެފް.ސީގެ ގަވަރނަންސްވެސް ހަރުދަނާވެ، ރޭވުމާއި، ހިންގުމާއި، ހިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލުތައްވެސް ހަރުދަނާ ވާނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%