މިހާރު ފުރާންސްގެ ޕެރިހުގައި ކުރިޔަށްދާ އޮލިމްޕިކްސް އަންހެން ބޮކްސިންގައި 46 ސިކުންތުތެރޭ އަލްޖީރިއާގެ އިމާނޭ ޚެލީފް ވަނީ އިޓަލީގެ އެންޖެލާ ކަރީނީ ބަލިކޮށްފައެވެ.
އަލްޖީރިއާގެ ކުޅުންތެރިޔާ މޮޅުވިއިރު އޭނާއަކީ ބަޔޮލޮޖިކަލް ގޮތުން ފިރިހެނެއް ކަމަށް ބުނެ އިޓަލީން ވަރަށް ބޮޑަށް ނުރުހުން ވެސް ފާޅުކުރިއެވެ. ޚެލީފްގެ ބާރު ޝޮޓް އިޓަލީގެ ކުޅުންތެރިޔާގެ މުނަށް އެރުމުން ކަރީނީ ރުއި މަންޒަރު ފެނުނެވެ. ކަރީނީގެ ނޭފަތް ފަޅައިގެން ދިޔައިރު މިއީ އޭނާގެ ކެރިއަރުގައި މޫނަށް އެރި އެންމެ ބާރު އެތިފަހަރު ކަމަށް ވެއެވެ.
މެޗު ފެށުމުގެ ކުރިންވެސް ގިނަ ބަޔަކު ވަނީ އަލްޖީރިއާގެ އިމާނޭ ޚެލީފް ކުޅޭތީ ފާޑު ކިޔާފައެވެ. ސަބަބަކީ އޭނާ އަކީ 2023 ވަނަ އަހަރު އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި ޑިސްކޮލިފައި ކޮށްފައިވާ ކުޅުންތެރިއަކަށް ވާތީއެވެ. އެއީ މެޑިކަލް ޓެސްޓުތަކުގައި އޭނާގެ ޖިންސު ކަނޑައެޅިފައި ނުވާތީއެވެ.
އިޓަލީގެ ބޮކްސިން ކުޅުންތެރިޔާ ބަލިވުމާއި ގުޅިގެން ޔޫރަޕްގެ ޗެނަލްތަކުން މި މުބާރާތަށް ވަރަށް ބޮޑަށް ފާޑު ކިޔާފައި ވާއިރު، އަލްޖީރިއާގެ ކުޅުންތެރިޔާގެ އަތުގައި ހިފާކަށްވެސް އިޓަލީ ކުޅުންތެރިޔާ ބޭނުމެއް ނުވިއެވެ.
ކެރީނީ ވަކިވުމުން މިހާރު ހިނގަމުންދާ ބަހުސްތައް އިތުރަށް ހޫނުވިއިރު، މެޗާއި ބެހޭގޮތުން އެއްވެސް އެއްޗެއް އޭނާ އަދި ނުބުނެއެވެ.
އޮލިމްޕިކްސް ކުރިއަށްދާއިރު، މި ހާދިސާގެ ސަބަބުން ކުޅިވަރު ކުޅުމާއި، ޝަރުތު ހަމަވުމާއި، މިފަދަ ފާހަގަކޮށްލެވޭ ދުނިޔޭގެ މައިދާނުގައި އެތުލީޓުންނަށް ކުރިމަތިވާ ޕްރެޝަރުތަކާ ބެހޭ ގޮތުން މަޝްވަރާތައް ދަނީ ކުރަމުންނެވެ.



