ވިލިމާލޭގައި ތަރައްޤީކުރަން ނިންމާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ ފީސިބިލިޓީ ސްޓަޑީގެ ޓެކްނިކަލް ކަންކަމާ ގުޅޭ ގޮތުން މި މަޝްރޫޢުގެ ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާކޮށްފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ޤާއިމްކުރުމުގެ މަޝްރޫޢުގެ އިސް ސްޓޭކްހޯލްޑަރުން ޗައިނާ އިންޓަރނޭޝަނަލް ޑީވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޓެކްނިކަލް ޓީމާއެކު ފީސިބިލިޓީ ސްޓަޑީގެ ޓެކްނިކަލް ކަންތައްތަކާއި ހޮސްޕިޓަލުގެ އޮޕަރޭޝަނަލް އަދި ފަންކްޝަނަލް ކަންކަމާ ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓު ކޯޕަރޭޝަން އެޖެންސީ އާއި މާލެ ސިޓީގެ ހޮސްޕިޓަލުތަކުގެ އިސްވެރިން ބައިވެރިވެލެއްވި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އެ މަޝްރޫއުގައި ހަރަކާތްތެރިވާ ޓެކްނިކަލް ޓީމުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެލައްވާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވަންގް ލިޒިން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިލިމާލެ ހޮސްޕިޓަލު މަޝްރޫއުގެ މަސައްކަތް ކުރިއަށްދަނީ، އެ ހޮސްޕިޓަލުގެ ކަމާ ގުޅުންހުރި އިދާރާތަކުން ގުޅިގެން ކުރަމުންދާ މަސައްކަތުން ކަމަށެވެ.
ވިލިމާލޭގައި އަޅާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރަން ބޭނުންވާ ހިލޭ އެހީ ޗައިނާއާއެކު ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަ ކުރެއްވީ، މިދިޔަ ޖެނުއަރީ މަހުގައެވެ.
މި އެހީ ހަމަޖެހިގެން ދިޔައީ، ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައެވެ.



