ހުޅުމާލޭގައި އިމާރާތްކުރާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އެނެކްސް އިމާރާތް، މިމަހު ފަހުކޮޅު ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ހުޅުމާލޭގައި ހުންނަ ޓްރީޓްޕް ހޮސްޕިޓަލުގެ ކުރިމަތީގައި އަޅާ މި އިމާރާތުގެ ސަބަބުން ޑީޖޭއޭގެ މުވައްޒަފުންނާއި ފަނޑިޔާރުންގެ މަސައްކަތަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޑީޖޭއޭއިން ބުންޏެވެ.
މި އިމާރާތަކީ ކޯޓުތައް ހިންގަން އަޅާ ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރެވެންދެން ކޯޓުތަކުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް މި ސަރުކާރުން އަޅާ އިމާރާތެކެވެ.
މި މަސައްކަތް ކުރުމަށް ރައީސް އިއުލާނުކުރައްވާފައިވަނީ އެމަނިކުފާނު މިއަހަރު ދެއްވި ރިޔާސީ ބަޔާނުގައެވެ. އެގޮތުން ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލަތަކުގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލުނުވެ ދިގުލައިގެން ދިޔުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެހެންކަމުން ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ކްރިމިނަލް ކޯޓާއި ޑުރަގު ކޯޓަށް ވެސް ޖާގައިގެ ދަތިކަން ދިމާވާތީ އަޑުއެހުންތައް ބާއްވަން ދަތިތަކާ ދިމާވެ އެވެ. ރައީސްގެ ވައުދުފުޅާ އެއްކޮށް ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އެޅުމުން މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ އެވެ.



