ރޭ ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މި މާރަމާރީ ހިނގާފައިވަނީ މާލޭގެ އަސްރަފީ މަގުގައި ރޭ 12:30 ހާއިރު ކަމަށެވެ.
މި މާރާމާރީގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށާއި، އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށްފަހު ދެ މީހުންވެސް މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މާރާމާރީއާ ގުޅިގެން ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، ނަމަވެސް މިހާރު އެ އެންމެން ދޫކޮށްލާފައިވާ ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ބިދޭސީންތަކެއް މާރާމާރީ ހިންގި ވަގުތު ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެމީހުން އެކަކު އަނެކަކު ގައިގައި ތަޅަން ދަނޑިބުރި ވަނީ ބޭނުންކޮށްފައެވެ. ބެލެވޭ ގޮތުގައި މި މާރާމާރީ ހިނގާފައިވަނީ ބިދޭސީންގެ ދެ ގްރޫޕެއް ދެމެދުއެވެ.



