އިއްޔެ ހުޅުމާގައި ކާރެއް ކޮންޓުރޯލް ނުވެގެން ގޮސް މަގުގެ އެއްފަރާތުގައި ސައިކަލެއްގެ މަތީގައި އިށީނދެގެން ހުރި މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ފިލި މީހުންނަކީ މީގެ ކުރިންވެސް ކުށުގެ ރެކޯޑްތައް ތިބި މީހުން ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ކާރު ދުއްވަން އިން މީހާގެ އިތުރުން ދެން އެކާރުގައި ތިބި ދެމީހުންވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:
އިކްރާމުއްރަހްމާން / ހ. ނޫރަަންމާގެއާގެ، ކ. މާލެ
އިބްރާހީމް އިކްރާމް / މ. ލޭންޑްއޮފްގާރޑް، ކ.މާލެ
ޖިނާހް އިސްމާޢީލް / އާޒާދުގެ، ގދ. ކަނޑުހުޅުދޫ
ފުލުހުން ބުނީ އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރީ ޖަލު ހުކުމާއި ވައްކަމާއި މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑު އޮތް މީހުންނެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވިނަރެސް ފްލެޓްތައް ކައިރީގައި ކާރަކުން ސައިކަލެއްގައި ޖެހި ހިނގި މި އެކްސިޑެންޓުގެ ރިޕޯޓު ލިބިފައިވަނީ ބުދަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.
މި އެކްސިޑެންޑް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މަގުގެ އެއް ފަރާތުގައި މީހަކު އިށީދެއިން ސައިކަލެއްގައި ޖެހިގެންކަމަށް ފުލުހުން ވިދާޅުވިއެވެ. މި ޙާދިސާގައި ސައިކަލުމަތީގައި އިން މީހާއަށް އެކިވަރުގެ ޒަޚަމްތަކެއް ލިބިފައިވާއިރު، ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އިތުރު ފަރުވާއަށް އައިޖީއެމްއެޗްއަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. ޒަޚަމްވެފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ޙާލަތު ސްޓޭބަލްކަމަށް ޑޮކްޓަރުންނާއި ޙަވާލާދެއްވާ އައިޖީއެމްއެޗްއިން ވިދާޅުވެއެވެ.
މި އެކްސިޑެންޓުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓު ވެފައިވަނީ ރަތް ކުލައިގެ ކާރެއް ކޮންޓްރޯލް ނުވެގެންނެވެ.



