ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް މިއަދު ވޯޓުލައްވައިފިއެވެ. ތާޖުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށް ވޯޓުލެއްވުމަށް ފަހުގައި އެމަނިކުފާނު ހުރިހާ ރައްޔިތުން ވެސް ނުކުމެ ވޯޓުލުމުގެ ހައްޤު ބޭނުން ކުރައްވާ އެޒިންމާ އަދާކުރެއވުމަށް އެދިވަޑައިގެންނެވިއެވެ.ވޯޓް ލެއްވެވުމަށް ފަހު އެމަނިކުފާނު ވިދާޅުވީ " ވޯޓު އެޅުމަކީ ޤާނޫނު އަސާސީއިން ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ހައްޤެކޭ، އަދި ޒިންމާއެކޭ. އެހެންވީމަ ވީހާވެސް ގިނަ ބޭފުޅުން ނުކުމެ ވަޑައިގެން ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ހައްޤު އަދާކޮށްދެއްވާށޭ." އެވެ.

މަޖިލިސް އިންތިހާބުގައި ޕީއެންސީން ކިތައް ގޮނޑި ނަގާނެ ކަމަށް އުންމީދު ކުރެވޭތޯ ނޫސްވެރިއަކު ސުވާލުކުރެއްވެވުމުން އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ މިއީ އެ މައުޟޫއުގައި ވާހަކަ ދައްކަންވީ ވަގުތު ނޫން ކަމަށާއި މިއީ ފަރުދީ ޒިންމާ އަދަންކުރަންވީ ވަގުތު ކަމަށެވެ. އަދި ވީހާވެސް ގިނަ ބޭފުޅުން ނުކުމެ ވޯޓު އަޅައިދިނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް އެދިވަޑައިގަތީ ހަވީރު ވަންދެން މަޑު ނުކޮށް ނުވަތަ ކިޔުގެ ފަހު ވަގުތަށް މަޑު ނުކޮށް އެ މީހަކު ވޯޓުލާ މަރުކަޒަކަށް ގޮސް ވީހާ ވެސް އަވަހަށް ވޯޓު ލެއްވެވުމަށެވެ.