އަންގާރަ ދުވަހު އިޒްރޭލުން ބެއިރޫތުގެ ދެކުނުގައި ދިން ވައިގެ ހަމަލާގައި ލުބުނާނުގެ ހިޒްބުالله ޖަމާއަތުގެ އިސް ކޮމާންޑަރު ފުއާދު ޝުކުރު މަރުވެއްޖެ ކަމަށް ހިޒްބުﷲއިން ކަށަވަރުކޮށްދީފި އެވެ. އަންގާރަ ދުވަހު ދިން ހަމަލާގައި ވެސް ދެ ކުޑަކުދިން ހިމެނޭ ގޮތަށް އާންމު ތިން މީހަކު މަރުވެ 74 މީހުން ޒަހަމްވެފައިވާ ކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން އޭރު ބުންޏެވެ. ޝުކްރު މަރުވިކަމެއް ނުބުނެވެ.
ހިޒްބުالله އިން ފުރަތަމަ ބުނި ގޮތުގައި ޝުކުރު ވަނީ އެ ހަމަލާއިން ސަލާމަތްވެފަ އެވެ. ނަމަވެސް ރޭ ހިޒްބުﷲއިން ވަނީ އޭނާ "ޝަހީދު"ވެއްޖެ ކަން ކަށަވަރު ކޮށްދީފައެވެ.
"ޒަޔަނިސްޓް ދުޝްމަނުން އަމާޒުކުރި އިމާރާތުގައި ބޮޑު ކޮމާންޑަރ ފުއާދު ޝުކުރު (ހައްޖު މުހުސެން) ހުންނެވި،" ބަޔާނުގައިވެ އެވެ. ހިޒްބުالله އިން ބުނީ ޝުކުރުގެ ޖަނާޒާގައި އެމީހުންގެ ލީޑަރު ހަސަން ނަސްރުالله ގެތަގުރީރެއް ދެއްވާނެކަމަށެވެ.
ހައްޖު މުހުސަންގެ ނަމުން ވެސް ނަންދެވިފައިވާ ފުއާދު ޝުކުރަކީ ހިޒްބުاللهގެ އަސްކަރީ ވިންގުގައި ފާހަގަކޮށްލެވޭ ފަރާތެއްގެ އިތުރުން އެ ޖަމާއަތުގެ އޮޕަރޭޝަންތަކުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އޭނާ މަރުވުމަކީ އިސްރާއީލާ ދެމެދު ހަމަނުޖެހުންތައް ހިނގަމުންދާ ދަނޑިވަޅެއްގައި ހިޒްބުالله އަށް ލިބުނު ބޮޑު ގެއްލުމެކެވެ.
ލުބުނާނުގެ ބޮޑުވަޒީރު ވަނީ މިހަމަލާގެ ސަބަބުން ކުރިމަތިވާނެ ކަންކަމާއި އާންމު ރައްޔިތުން ހިމާޔަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކުއްލި ބައްދަލުވުމެއް ބާއްވަން ގޮވާލައްވާފައެވެ.



