ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ މައްސަލަ ހައްލުކުރުމުގެ ފުރިހަމަ ޕްލޭނެއް ސަރުކާރުން އިއުލާންކޮށް، މިހާރުވެސް ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ސަރުކާރުން މިގޮތަށް ނިންމާފައި މިވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓް ކުރަމުންދާތީވެ އެކަމާއި ދެކޮޅަށް ބައެއް "ބާރުގަދަ" ފަރާތްތަކުން ބަސް ބުނަމުންދާ ދަނޑިވަޅެއްގައެވެ.
މި މައްސަލައިގެ އަވަސްކަން ފާހަގަކޮށްލެވުނީ މިފަހުން ގދ.ތިނަދޫގައި ބިދޭސީން ކުރި މުޒާހަރާއަކުން ސިވިލް ސާވިސް ރިކްރޫޓް ކުރުމުގެ ސިޔާސަތުތަކާ ދެކޮޅަށް ބަންގްލަދޭޝްގައި މުޒާހަރާ ކުރުމަށް ގޮވާލުމުންނެވެ. އެކަމުގެ ރައްދުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަނީ މުޒާހަރާތަކުގައި ބައިވެރިވާ ނުވަތަ އެކަށީގެންވާ ވިސާއެއް ނެތި އުޅޭ ބިދޭސީން ފޮނުވާލާނެ ކަމުގެ ހަރުކަށި އިންޒާރެއް ދީފަ އެވެ. މީގެ އިތުރުން، ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކަށް ބޯނުލަނބައި އުޅުނު 2000 އަށްވުރެ ގިނަ ބިދޭސީންވެސް މިއަހަރު މިހާތަނަށް ޑީޕޯޓް ކޮށްލާފައިވާކަން ފާހަގަ ކުރެވެއެވެ.
"ވިސާގެ ގަވާއިދުތަކާ ހިލާފަށް، ރާއްޖޭގެ ގާނޫނުތަކަށް ބޯނުލަނބައި ކުށްކުރުމުގައި އުޅެންޏާ އެފަދަ ބިދޭސީންނަށް ރާއްޖޭގެ ފަސްގަނޑުގައި ނުތިބެވޭނެ،" މިނިސްޓަރު އިހުސާން ވިދާޅުވި އެވެ. މި ފިޔަވަޅަކީ ވިސާގެ ގަވާއިދުތައް ހަރުކަށިކޮށް، އެ ގަވާއިދުތަކާ ހިލާފުވުމުން ކުރިމަތިވާނެ ނަތީޖާތަކަށް ބާރުއެޅުމަށް ސަރުކާރުން ކުރަމުންދާ ފުޅާ މަސައްކަތުގެ ބައެކެވެ.
އިންސާނީ ހައްގުތަކާއި ހާމަކަން ބޮޑު ކަންބޮޑުވުންތައް - އެޗްއާރުސީއެމް އާއި ޓްރާންސްޕޭރެންސީ
މިކަމާ ގުޅޭ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނީ ބިދޭސީން ހިމެނޭހެން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގަކީ ރާއްޖެއިން ސޮއިކޮށްފައިވާ އިންޓަނޭޝަނަލް ކޮންވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރް)ގެ 21 ވަނަ މާއްދާގެ ދަށުން ހުރިހާ ފަރާތްތަކަކަށް ލިބިގެންވާ ޙައްޤެއް ކަމަށާއި އެއީ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާގެ ދަށުންވެސް ލިބިގެންވާ ޙައްޤެއް ކަމަށެވެ.
މީގެ އިތުރުން ބީދޭސީން ޑީޕޯޓްކުރަން ސަރުކާރުން ނިންމުމާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ މަސައްކަތްތެރިންނަށް ލިބިދޭ އަސާސީ ހައްގުތަކަށް ހުރަސްއަޅައި، ރާއްޖޭގެ އެއްވެސް ގާނޫނަކާއި ގަވާއިދަކާއި ހިލާފުނުވާހާ ހިނދަކު ރާއްޖޭގައި ތިބި ބިދޭސީން ހައްޔަރުކޮށް ވަޒީފާއިން އަނބުރާ ފޮނުވާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ޤައުމެއްގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް އިޚްތިރާމް ނުކުރާ ބިދޭސީން ޑީޕޯޓު ކުރަން ޖެހޭނެ ކަމެވެ. ގައުމެއްގެ ގާނޫނުތަކާއި ގަވާއިދުތަކަށް ފަރުވާކުޑަކުރާ ބިދޭސީން ޑިޕޯޓް ކުރުމާ ކުރިމަތިލާން ޖެހޭ ކަމަށް ދެ ޖަމިއްޔާއިން ވެސް އެއްބަސްވެ އެވެ.
އައިސީސީޕީއާރު އަކީ ކޮބާ؟
އިންޓަނޭޝަނަލް ކޮވެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) އަކީ ޑިސެމްބަރު 16، 1966 ގައި އދ ގެ އާންމު މަޖިލީހުން އުފެއްދި އަދި މެމްބަރުން އެއަށް އަމަލުކުރުން ލާޒިމު އުސޫލެކެވެ. ގޮތްތަކެކެވެ. ފަރުދުންނަށް، ދިރިއުޅުމުގެ ހައްގާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، އިންސާފުވެރި ޝަރީއަތެއްގެ ހައްގު ފަދަ އަސާސީ މިނިވަންކަން މިއިން ކަށަވަރުކުރެއެވެ. އައިސީސީޕީއާރުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ހުރިހާ ފަރުދުންނަށް ތަފާތުކުރުމެއް ނެތި މި ހައްގުތަކަށް އިހުތިރާމްކޮށް ކަށަވަރުކުރުން އައިސީސީޕީއާރުގައި ސޮއިކުރާ ދައުލަތްތަކަށް ލާޒިމުކުރެއެވެ. އަދި ދައުލަތްތަކުން ތަންފީޒުކުރާ ކަންކަން މޮނިޓަރކޮށް، ގަވާއިދާ ހިލާފުވުމާ ގުޅޭ ގޮތުން ފަރުދީ ޝަކުވާތައް ހައްލުކުރާ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީ ވެސް މި މުއާހަދާގައި ގާއިމްކޮށްފައިވެ އެވެ. އައިސީސީޕީއާރު އަކީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުގެ ބިންގާއެއްގެ ގޮތުގައި ބެލެވޭ، އިންސާނީ ކަރާމާތާއި މިނިވަންކަން ހިމާޔަތްކުރާ ދުނިޔޭގެ ގާނޫނީ އޮނިގަނޑަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ އެއްޗެކެވެ.
ޤާނޫނުގެ ވެރިކަން ދެމެހެއްޓުން
އިމިގްރޭޝަންގެ ޤާނޫނުތައް ތަންފީޒު ކުރެވޭކަން ކަށަވަރުކުރުމަކީ ޤާނޫނީ ނިޒާމުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމާއި ޤާނޫނުގެ ވެރިކަމަށް އިޙްތިރާމްކުރުން ކުރިއަރައިގެންދާނެ ކަމެކެވެ. އަދި ޤަވާޢިދާ ޚިލާފު ޢަމަލުތައް ކުރާ ބިދޭސީން ފޮނުވާލުމަކީ ލިޔެކިޔުންތައް ނެތް މީހުން ޖިނާއީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ނުރައްކާ ކުޑަކޮށްދީ ޤައުމީ ސަލާމަތް ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ހުރެ ބަހައްޓާފަ ޑީޕޯޓް ކޮށްލަނީއެއް ނޫން!
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ކޮންމެ ބިދޭސީއަކު ޑީޕޯޓް ކުރަނީއެއް ނޫނެވެ. ޑީޕޯޓް ކުރުމަށްވުރެ ބޮޑަށް ސަރުކާރުން ކުރަމންދާ މަސައްކަތަކީ ގާނޫނުތެރެއަށް ބިދޭސީން ފައްތައި އެމީހުންގެ ޑޭޓާތައް ކަލެކްޓް ކުރަނީއެވެ. މިކަމުގެ މާސްޓަޕްލޭނުގެ ތެރެއިން "ކުރަނގި" އިފްތިތާހުކޮށް އޭގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރިޔަށް އެބަ ދެއެވެ.
ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލު ކުރުމަށް އެކުލަވާލައިފައިވާ ކުރަނގި ޕޯޓަލްގެ އެކްސެސް ކައުންސިލްތަކަށް ދީ، ރާއްޖޭގެ ހުރިހާ ރަށަކުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މި ޙަފްތާ ތެރޭގައި ވަނީ ފަށާފައެވެ. މި އޮޕަރޭޝަނުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކ. ހިންމަފުއްޓާއި މާފުށީގައެވެ.
ހޯމްލޭންޑް މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކަށް ކުރަނގި އޮޕަރޭޝަނުގެ ޕޯޓަލް އަށް އެކްސެސްވެވޭނެ ގޮތް މިހާރު ހަދާފައިވާ ކަމަށާއި، އެއާއެކު ރާއްޖޭގައި ހުރިހާ ރަށެއްގައި ތިބި ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ފެށިފައިވާކަމަށެވެ. އެގޮތުން ކައުންސިލްތަކަށް ވަނީ ފިންގަރ ޕްރިންޓް މެޝިން ހަދިޔާކޮށްފައެވެ. އަދި މިކަމަށްޓަކައި ހޯމްލޭންޑް މިނިސްޓްރީން ވަނީ ޚާއްސަ އެޕްލިކޭޝަނެއް ވެސް ހަދާފައެވެ. އެޕްލިކޭޝަން މެދުވެރިކޮށް މަޢުލޫމާތު އެއްކުރެވުމާއެކު، އަހަރެއްގެ ތެރޭގައި އެމީހުން ޤަވާޢިދުގެ ތެރެއަށް ފެއްތުމުގެ މަސައްކަތް ފަށާނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުންޏެވެ.
މިފަދަ މުހިންމު މަސައްކަތެއް ކުރަމުން އަންނަ ދަނޑިވަޅެއްގައި ޚާއްސަކޮށް، ޤަވާޢިދާ ޚިލާފަށް މުޒާހަރާކުރި ބިދޭސީންތަކެއްގެ މައްސަލަ ބަލައި ފިޔަވަޅު ނޭޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ ޕްރެޝަރުގެ ސަބަބުން ޑިޕޯޓް ނުކުރާނަމަ އެއީ ސަރުކާރުގެ އޮފިޝަލަކު ދެއްކެވި ބަޔާނެއް އަނބުރާ ގެންދިއުން ތަމްސީލުކުރާނެ ކަމެކެވެ.
އިޤްތިޞާދީ އަދި އިޖްތިމާޢީ ހަމަޖެހުން
ލޭބަރ މާކެޓް ރެގިއުލޭޓްކުރެވުމުން ރާއްޖޭގައި ޤާނޫނީ ގޮތުން ދިރިއުޅޭ މީހުންނާއި ރައްޔިތުންގެ ވަޒީފާތައް ރައްކާތެރިކުރެވި، އެކަމުގެ ސަބަބުން އިޤްތިޞާދީ ހަމަޖެހުމާއި ކުރިއެރުމަށް އެހީތެރިވެދޭނެއެވެ. އަދި ޑީޕޯޓް ކުރުމުގެ މަސައްކަތްތަކުގެ ސަބަބުން ގަވާއިދާ ހިލާފަށް މަސައްކަތްކުރާ މީހުންގެ ޑިމާންޑް މަދުކޮށް، ނާޒުކު ފަރާތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުން ރައްކާތެރިވެ، ހިއުމަން ޓްރެފިކިން އާއި އެކްސްޕްލޮއިޓޭޝަންއާ ދެކޮޅަށް މަސައްކަތް ކުރެވިގެންދާނެއެވެ.
މީގެ އިތުރުން އިމިގްރޭޝަން ޗެނަލްތަކަށް ހިތްވަރު ދިނުމުން ރާއްޖޭގައި މަސައްކަތްތެރިންނަށް ލޭބަރ ގާނޫނުތަކުން ރައްކާތެރިކަން ލިބި، އިންސާފުވެރި އުޖޫރައާއި މަސައްކަތުގެ ޙާލަތު ރަނގަޅުވެގެންދާނެއެވެ.
ޑީޕޯޓް ނުކުރަންވީތަ؟
ކޮންމެ ޤައުމެއްގެވެސް އަސާސީ މަސްއޫލިއްޔަތަކީ އެޤައުމެއްގެ ރައްޔިތުންގެ ހެޔޮ ދުޅަހެޔޮކަމާއި ރައްކާތެރިކަން ރައްކާތެރިކުރުމެވެ. ރާއްޖޭގެ ގާނޫނުތަކަށް ބޯނުލަނބާ ބިދޭސީ މަސައްކަތްތެރިން ފޮނުވާލުމަކީ މި އުސޫލަށް ސަރުކާރުން ވައުދުވެފައިވާކަން ހާމަކޮށްދޭ ކަމެކެވެ. މި މަސައްކަތްތެރިންގެ ހައްގުތަކޭ ކިޔައި ވަކާލާތުކުރާ ބޭރާއި އެތެރޭގެ ޖަމިއްޔާ ޖަމާޢަތްތަކާޢި ކޮމިޝަންތަކުން މިދެންނެވި ބިދޭސީން ޑިޕޯޓްކުރުމާ ދެކޮޅަށް ޖަދަލުކުރާއިރު، ގައުމީ މަސްލަހަތާއި އާންމު ސަލާމަތަށް އިސްކަންދޭން ޖެހޭކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ. ފާޅުގައި ރާއްޖޭގެ ގާނޫނާ ހިލާފުވާ ފަރުދުންނަށް ރާއްޖޭގައި ދެމިތިބުމަށް ހުއްދަ ދިނުމަކީ ގާނޫނުގެ ވެރިކަމަށް ބުރޫއަރާ ކަމެކެވެ. މުޖުތަމައުގެ ސަލާމަތާއި ހަމަޖެހުމަށް ވެސް ބޮޑު ނުރައްކަލެއް ކުރިމަތިވާ ކަމެކެވެ.
ބިދޭސީން ޑިޕޯޓް ކުރުމުގެ ދިވެހި ސަރުކާރުގެ ސްޓޭންޑާއި ދެކޮޅަށް ވަކާލާތުކުރާ ފަރާތްތަކަށް ރާއްޖެއިން ބޯލަނބާ، ޖިނާއީ ހަރަކާތްތަކުގައި ބައިވެރިވާ ބިދޭސީ މަސައްކަތްތެރިން ފޮނުވާލުން ހުއްޓުވައިފިނަމަ، ގައުމަށް ކުރިމަގުގައި ލިބޭނީ ގެއްލުމެވެ. ފުރަތަމަ ކަމަކީ، ޤާނޫނު ތަންފީޒުކޮށް، ރައްޔިތުން ރައްކާތެރިކުރުމުގެ ޤާބިލުކަން ސަރުކާރަށް ލިބިފައިވާ ކަމާމެދު އާންމުންގެ އިތުބާރު ގެއްލިގެން ދިއުމެވެ. މި ތަންފީޒީގޮތް ނެތުމުން ކުށްކުރުން އިތުރުވެ، ދިވެހިންގެ ސަލާމަތަށް އިތުރަށް ނުރައްކާވެދާނެ އެވެ. މީގެ އިތުރުން ގަވާއިދާ ހިލާފު ކަންކަމާއި ގާނޫނާ ހިލާފު އަމަލުތައް ތަހައްމަލު ކުރެވޭ ކަމުގެ މެސެޖެއް ލިބި، ގައުމަށް އިތުރު ޖިނާއީ ފަރާތްތަކެއް ޝައުގުވެރި ކުރުވުމުގެ ފުރުސަތު އޮވެދާނެއެވެ. މިފަދަ މަންޒަރެއް ކުރެހިއްޖެނަމަ އިގްތިސާދީ އަދި އިޖުތިމާއީ ހަރަދުތައް އިންތިހާއަށް ބޮޑުވާނެ އެވެ. ކުށުގެ ނިސްބަތް އިތުރުވުމަކީ އިގްތިސާދަށް މުހިންމު ދެ ކަންތައް ކަމަށްވާ ފަތުރުވެރިކަމާއި ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުރަސްއެޅިދާނެ ކަންކަމެވެ. މިގޮތުން ޤައުމީ މަސްލަހަތަށް އިސްކަންދީ ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިން ޑިޕޯޓް ކުރުމަކީ ރާއްޖޭގެ ނަޒާހަތްތެރިކަމާއި ތަނަވަސްކަން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ރާއްޖެއަށް ވެސް ކޮންމެ ސިޔާދަތެއް ފަދައިން ޤައުމުގެ ބޯޑަރުތައް ކޮންޓްރޯލްކޮށް، ސަރަޙައްދުގެ ތެރޭގައި ދިރިއުޅޭ މީހުން ބެލެހެއްޓުމުގެ ޙައްޤު ލިބިގެންވެއެވެ. ކޮމަންވެލްތުން ނޫން ކޮންމެ ތަނަކުން ދެކޮޅު ހެދިޔަސް ދިވެހިންނަށް މުހިންމުވާނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތެވެ.



