ހެންވޭރު ގެއަކުން ޓީވީއަކާއި ސައިކަލެއް ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހެންވޭރުގެ ގެއަކުން ޓީވީއެއް ވަގަށް ނެގި މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވަނީ މި މަހުގެ 28 ގައި ކަމަށެވެ. އަދި ހަމަ އެ ގެއިން މި މަހުގެ 30 ވަނަ ދުވަހު ސައިކަލެއް ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ދެމީހުން ވަގަށް ނަގާފައިވާ ޓީވީއާއި ސައިކަލު ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ފުލުހުން ހޯދާފައިވާ ކަމަށެވެ.
މީގެ އިތުރުން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް އެމީހުން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުޤީޤުކުރަމުން އަންނަ ކަމަށެވެ.



